ޚަބަރު

ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ކާރިޘާއެއްގެ ބިރު


އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި މިހާތަނަށް 1،400 މީހުން ޝަހީދުކޮށްލައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރައި، މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

ނަމަވެސް، ފެބްރުއަރީ 28އިން ފެށިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލެމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވެ، ރެފިއުޖީންގެ އައު ކާރިޘާއެއް ކުރިމަތިވުމުގެ ބިރުބޮޑުކަމަށް އދއިން ވަނީ ބުނެފައެވެ.

އދގެ ރެފިއުޖީންގެ އިދާރާ، ޔޫއެންއެޗްސީއާރު އިން ލަފާކުރާ ގޮތުގައި، ހަނގުރާމައިގެ 18 ދުވަހުގެ ތެރޭގައި، އީރާނުގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ 3.2 މިލިއަނަށް އަރައިފައެވެ.

މިވަގުތު، ބޯޑަރު ހުރަސްކޮށް އަވައްޓެރި ޤައުމުތަކަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުނަމަވެސް، ހަނގުރާމަ އިތުރަށް ދިގުލައި ޙާލަތެއްގައި އީރާނުގެ ރެފިއުޖީން އިތުރުވާނެކަމަށް ބަލައިގެން އަވައްޓެރި ޤައުމުތައް މިހާރުވެސް ތިބީ ތައްޔާރީ ޙާލަތުގައެވެ.

އީރާނުން ހަތް ޤައުމަކާއެކު ސަރަޙައްދީ ރޮނގު ޙިއްޞާކުރާއިރު، އޭގެތެރޭގައި އިރާޤު، އަފްޣާނިސްތާނު، އަރުމީނިޔާ، އަޒަރުބައިޖާނު، ޕާކިސްތާނު، ތުރުކީވިލާތް އަދި ތުރުކުމެނިސްތާނު ހިމެނެއެވެ.

އެމެރިކާއާއި ޔަހޫދީން ޙަމަލާ ދިނުމުގައި ޢާންމުންނަށް ބެލުމެއް ނެތި މަދަރުސާތަކަށާއި ހަސްފަތާލުތަކުގެ އިތުރުން މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނުގެ މީހުން ދިރިއުޅޭ 10،000އަށް ވުރެ ގިނަ ތަންތަނުގެ އިތުރުން، 65 ސްކޫލަކާއި 32 ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޙަމަލާދީ އެކުވަރުގެ ގެއްލުންތައް ދީފައެވެ.

އަދި ޙަމަލާތަކުގެ ސަބަބުން، އީރާނުގެ ވައިގެ ސަރަޙައްދު ބަންދުކޮށް، ޢާންމު އުދުހުންތައް ވެސް ވަނީ މަނާކޮށްފައެވެ.

ގާތްގަނޑަކަށް 90 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އީރާނުން ބޭރުވާން މި ވަގުތު ގިނަ މިހުން މަސައްކަތް ނުކުރާނަމަވެސް، ހަނގުރާމަ އިތުރަށް ގޯސްވާ ޙާލަތުގައި މުޅި މަސްރަޙު އެނބުރުމުގެ ފުރުޞަތު ބޮޑުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިގޮތުން، ނިރުބަވެރި ޙަމަލާތަކުގައި ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތަކުގެ ވިއުގަތަކަށް ގެއްލުންވެ، އެ ޚިދުމަތްތައް ނުލިބޭ ޙާލަތެއްގައި، އެތައް މިލިއަން މީހުން އީރާނުގެ ބޯޑަރު ހުރަސްކޮށް، އަވައްޓެރި ޤައުމުތަކުން ސަލާމަތް ހޯދުމަށް މަސައްކަތް ކުރުން ގާތެވެ.

އެކަން އެގޮތަށް މެދުވެރިވެއްޖެނަމަ، ފަހުގެ ތާރީޚެއްގައި ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީންގެ ކާރިޘާއަކާ ކުރިމަތިލާންޖެހޭނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ދެއްވައިފައެވެ.