ތަޖުރިބާކާރު ފޯވަޑް ނޭމާ ޖޫނިއާ އަށް ފުރުސަތު ނުދީ ބްރެޒިލްގެ ގައުމީ ޓީމަށް ޒުވާން ފޯވަޑް އެންޑްރިކް ނަގައިފި އެވެ.
ޖޫން މަހު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެންމެ ފަހުގެ އެކުވެރިކަމުގެ ދެ މެޗަށް ނެގި ޓީމުން ނޭމާ އަށް ފުރުސަތު ނުލިބުނީ މި ފަހަރުވެސް އަނިޔާގެ ސަބަބުންނެވެ.
ކޯޗު ކާލޯ އަންޗެލޯޓީ ބުނީ ނޭމާ އަށް އަދިވެސް ވޯލްޑް ކަޕް ސްކޮޑުން ޖާގަ މުޅިން ނުގެއްލޭ ކަމަށެވެ.
"އަހަރެން އޭނާ ޓީމަށް ނުނެގީ 100 ޕަސެންޓް ފިޓް ނުވާތީވެ. އެކަމަކު ވޯލްޑް ކަޕަށް ދާ ސްކޮޑުގައި ހިމެނުމަކީ އަދިވެސ އޮތް ފުރުސަތެއް،" އަންޗެލޯޓީ ބުންޏެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ އުމުރުން 34 އަހަރުގެ ފޯވަޑް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަށް ޖާގަ ނުލިބެނީ ގާތްގާތުގައި ލިބެމުންދާ އަނިޔާގެ ސަބަބުންނެވެ.
މާޗު 27ގައި ފްރާންސް އަދި މާޗު 30ގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ފުރުސަތު ގެއްލުނު އަނެއް ދެ ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ރޮޑްރީގޯ އާއި ނިއުކާސަލްގެ މިޑްފީލްޑަރު ބުރޫނޯ ގުއިމަރޭޒް އެވެ. މި ދެ ކުޅުންތެރިން ވެސް ތިބީ އަނިޔާގަ އެވެ.
ނަމަވެސް ލޯނު އުސޫލުން ފްރާންސްގެ ލިއޯނަށް ކުޅެމުން އަންނަ ރެއާލްގެ ޒުވާން ފޯވަޑް އެންޑްރިކަށް ވަނީ ފުރުސަތު ދީފަ އެވެ. އޭނާ ވަނީ ހުސްވި އަހަރުގެ ކުރީ ކޮޅު ގައުމީ ޓީމަށް ކުޅެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އޭގެ ފަހުން ރެއާލް އަނިޔާވެ، ފޯމު ކަޓާފައި ހުއްޓަސް އެންޑްރިކް ދަނީ ލިއޯނަށް ބަދަލުވެ މޮޅަށް ކުޅެމުންނެވެ. އެންޑްރިކް އަކީ ރެއާލް މެޑްރިޑްގައި އަންޗެލޯޓީގެ އިރުޝާދުގެ ދަށުން ވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.