ޚަބަރު

ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް އަވަސްކުރަން އދއިން ގޮވާލައިފި


މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއެރުމަކީ، ދުނިޔޭގެ އިޤްތިޞާދުތައް ތެލާއި ގޭހަށް ބަރޯސާވެފައިވާ އޮތް އޮތުމުގެ ނުރައްކާ ދަލީލުކޮށްދޭކަމެއްގެ ގޮތުގައި އދގެ މޫސުމާބެހޭ އޮފީހުން ސިފަކޮށްފިއެވެ.

އދގެ މޫސުމާބެހޭ އޮފީހުގެ ސެކްރެޓަރީ ސައިމަން ސްޓީލް ވިދާޅުވީ، ތެލަށް ބަރޯސާވުން ނިމުމަކަށް ގެނެސް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރަން މިއަށްވުރެ ރަނގަޅު ވަގުތެއް ނެތް ކަމަށެވެ.

މިގޮތުން، މެދުއިރުމަތީގެ ހަނގުރާމަ އާއެކު ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ދިރިއުޅުމުގެ އަގުތައް މަތިވެ، ޤައުމީ ސަލާމަތަށްވެސް ނުރައްކާވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ ހޯމަ ދުވަހު ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫގެ އިސްވެރިންނާއެކު ސްޓީލް ވަނީ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

އީޔޫ ޤައުމުތަކުން ބޭނުންވާ 90 އިންސައްތަ ތެލާއި 80 އިންސައްތަ ގޭސް ބޭރުން އެތެރެކުރާއިރު، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ޔަހޫދީންނާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ބޮން އެޅުމުގެ ވަރުގަދަ ކެމްޕޭނެއް ފެށުމުން، އީރާނުން ވަނީ ރައްދުގައި އެ ޤައުމުގެ އައްސޭރިފަށުގައި އޮތް މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ މި މަގު ބަންދުކުރުމަށްފަހު އީރާނުން ދަނީ، އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުޞަތު ދިނުމަށް އިންކާރު ކުރަމުންނެވެ.

އެއާއެކު ތެލާއި ގޭހުގެ ސަޕްލައި އިންތިހާއަށް ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.