ޚަބަރު

ހުރްމުޒް ހުޅުވަން އެހީއަށް އެދި ޓްރަމްޕްގެ އިތުރު އާދޭހެއް


ޞަހްޔޫނީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ދިގުލައިގެން ގޮސްފައިވާއިރު، އިސްތިޢުމާރީ ބާރުތަކަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަން ހާމަވާން ފަށައިފިއެވެ. މި ކަން އެންމެ ބޮޑަށް ހާމަވެގެން ގޮސްފައި މި ވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އިތުރުން ދުނިޔޭގެ ބާރުތަކުގެ ކިބައިން އާދޭސް ދަންނަވަމުން ގެންދަވާތީއެވެ.

ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ ޔަހޫދީ ދައުލަތާއި މެދުއިރުމަތީގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާ ދެމުންނެވެ. ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި ނުވާނެ ކަމުގައި އީރާނުން ބުނަމުން ދިޔަ ނަމަވެސް، އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރާއި، މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް އެ ކަނޑުއޮޅި ހުރަސް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. ޓްރަމްޕް ބޭނުންފުޅުވަނީ އެ ކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ އިއްތިޙާދެއް އެކުލަވައިލައްވައި، ކަނޑުގެ ސިފައިންގެ ލަޝްކަރެއް ހުރްމުޒް ކަނޑުއޮޅިއަށް ޖަމާކުރެއްވުމަށެވެ.

އެ ކަމަށް ބާރު އެޅުއްވުމުގެ ގޮތުން ޓްރަމްޕް ދާދިފަހުން ވަނީ ނޭޓޯގެ މެންބަރުންނަށް އިންޒާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުރްމުޒް ހުޅުވަން ނޭޓޯގެ މެންބަރުން ވޮޝިންގްޓަނަށް އެހީތެރިކަން ފޯރުކޮށްނުދީފި ނަމަ، އެ އިއްތިޙާދުގެ މުސްތަޤުބަލު "ވަރަށް ގޯސް" ވާނެ ކަމުގައެވެ. ނޭޓޯއާއި އީޔޫގެ އިތުރުން ހުރްމުޒަށް މަނަވަރުތައް ފޮނިވައިދިނުމަށް އެދި ޓްރަމްޕް ވަނީ ޗައިނާއާއި ޖަޕާންގެ ކިބައިން ވެސް އާދޭސް ދަންނަވާފައެވެ. މި ހަނގުރާމަ މަދު ހަފުތާތަކެއްގެ ތެރޭގައި ކާމިޔާބީއާއެކު ނިމޭނެ ކަމުގައި އެމެރިކާގެ އޮފިޝަލުން ވަކާލާތު ކުރި ނަމަވެސް، އީރާނުން ބުނީ މިއީ އަމިއްލަ ދިފާޢުގައި ކުރާ ޖިހާދެއް ކަމަށާއި، ދުޝްމަނުންނަށް ވުރެ ގިނަ ދުވަހު ހަނގުރާމައިގައި ސާބިތުވެ ތިބެވޭނެ ފެންވަރު އީރާނުގެ ކިބައިގައި އޮތް ކަމުގައެވެ.

އީރާނާ މަޝްވަރާ ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ސުލްޙަވުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވެ ޓްރަމްޕް ދަޢުވާ ކުރެއްވި ނަމަވެސް، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. "އަޅުގަނޑުމެން ދުވަހަކު ވެސް ޙަމަލާތައް ހުއްޓައިލާކަށް ނޭދެން، އަދި މަޝްވަރާއަކަށް ވެސް ނޭދެން. ކިތަންމެ ދިގު މުއްދަތަކަށް ދިޔަ ނަމަވެސް އަޅުގަނޑުމެން މި ތިބީ އަމިއްލަ ނަފްސު ދިފާޢުކުރަން ތައްޔާރަށް،" ޢަރާޤިޖީ ވިދާޅުވިއެވެ.

ޔަހޫދީންނާއި އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުން އީރާނުގެ ބައެއް ސަރަޙައްދުތަކަށް ގެއްލުންދީފައިވީ ނަމަވެސް، ޢަރާޤިޖީ ވިދާޅުވީ "ސާބިތުކަމާއި ވަރުގަދަކަން މަތީ" އީރާނުން ދެމިއޮތް ކަމުގައެވެ. އަދި، އެމެރިކާއިން އިސްވެ އީރާނަށް ޙަމަލާދިނީ މަޝްވަރާތައް ކުރިއަށްދަނިކޮށްކަން ފާހަގަ ކުރައްވައި، ޢަރާޤިޖީ ވަނީ އެމެރިކާއާ ދެން އިތުރަށް ވާހަކަ ދައްކަން ޖެހޭނެ އިތުރު ސަބަބެއް ނެތް ކަމުގައި ވިދާޅުވެފައެވެ. މި ހަނގުރާމައަކީ އީރާނުގެ ދިރިހުރުމާ ގުޅިފައި އޮތް ހަނގުރާމައެއް ނޫން ކަމަށާއި، މިއީ އިސްތިޢުމާރީ ބާރުތަކުން އިސްވެ ފެށި ޢުދުވާނެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.