މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ އެކި ޚިދުމަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ.
ކަރެކްޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ރިކުއެސްޓެއް ލިބިފައިވެއެވެ. އޭގެ ތެރެއިން 189 ފޯމް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު 43 ފޯމް ޝަރުތު ހަމައެއް ނުވެއެވެ. އަދި 8 ފޯމެއްގެ މައްސަލަ ނިންމާފައި ނުވާއިރު 1 ފޯމް އޮތީ ޤާނޫނީ ލަފައަކަށް އެދިފައެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުގައި 86 ފޯމެއް މިދިޔައަހަރު ވަނީ ޕެރޯލް ބޯޑަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަދީފައިވާއިރު 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލީ 22 މީހުންނެވެ. 25 މީހުން ޕެރޯލްގެ ދަށުން ދޫކޮށްލުން ކެންސަލް ކުރިއިރު 2 މީހެއް ކެންސަލްކޮށްފައިވަނީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުންނެވެ. އަދި 27 މީހަކު އަލުން މުޖުތަމައުއަށް ވަނީ ދޫކޮށްލާފައެވެ.
2025 Statistics - Parole Board pic.twitter.com/8DLIQnyYGN
— Maldives Correctional Service (@CorrectionsMv) March 14, 2026
ކަރެކްޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ވަނީ އެކި ކުށްތަކުގައި ޖަލުތަކުގައި ބަންދުގައި ތިބި މީހުންނަށް ސިއްޙީ ޚިދުމަތްވެސް ފޯރުކޮށްދީފައެވެ. އެގޮތުން 12887 ފަހަރު އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނަށް ދައްކާފައިވެއެވެ. އަދި 2160 ފަަހަރު އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދައްކާފައިވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު ވަނީ މާފުށި ޖަލުން 5169 ފޯން ކޯލްކޮށްފައެވެ. އޭގެ ތެރޭގައި 150 ވީޑިއޯ ކޯލް ހިމެނެއެވެ. ހުޅުމާލެ ޖަލުން 2742 ފޯން ކޮށްފައިވާއިރު 47 ވީޑިއޯ ކޯލްވެސް އެ ޖަލުން ގައިދީން ކޮށްފައިވެއެވެ. އަދި އައްސޭރި ޖަލުންވެސް މިދިޔަ އަހަރު ވަނީ 2662 ފޯންކޯލާއި ވީޑިއޯ ކޯލްއެއް ކުުރުމަށް ހުއްދަދީފައެވެ.
އެކި ޖަލުތަކުން އެއްގަމާއި ކަނޑުންނާއި ވައިގެމަގުން ކޮށްފައިވާ ދަތުރުތަކަށް ބަލާއިރު އެންމެ ގިނައިން ދަތުރުކޮށްފައިވަނީ މާފުށީ ޖަލުންނެވެ. މިގޮތުން މާފުށީ ޖަލުން ގައިދީން ގުވައިގެން އެއްގަމުން 3927 ދަތުރުކޮށްފައިވާިއރު ކަނޑުމަގުން 3191 ދަތުރުކޮށްފައިވެއެވެ. އަދި މާފުށީ ޖަލުން ވައިގެ މަގުން 1 ދަތުރު ވަނީ ކޮށްފައެވެ.
ހުޅުމާލެ ޖަލަށް ބަލާއިރު އެއްގަމު މަގުން 1749 ދަތުރުކޮށްފައިވެއެވެ. ކަނޑުމަގުން 425 ދަތުރުކޮށްފައިވާއިރު ވައިގެ މަގުން 4 ދަތުރުކޮށްފައިވެއެވެ. އައްސޭރި ޖަލުން އެއްގަމު މަގުން ކޮށްފައިވަނީ 242 ދަތުރެވެ. އަދި ކަނޑުމަގުން 230 ދަތުރު މިދިޔަ އަހަރުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.