ޚަބަރު

ޒަމާނީ އިންޖީނުގެއާއެކު އައްޑޫ ކަރަންޓުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް!


  • އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ

  • މަސައްކަތް ޙަވާލުކޮށްފައިވަނީ ދުބާއީގެ ތަޖުރިބާކާރު ކުންފުންޏަކާ

  • އަންނަ ފެބުރުވަރީމަހު އިންޖީނުތައް އަންނަން ފަށާނެ

  • 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ޒަމާނުއްސުރެ އެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެއީއެވެ.

އައްޑޫ ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށް އެކި ސަރުކާރުތަކުންވަ ނީ އެކި ވަރުގެ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް އަދިވެސް އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއްނުވެއެވެ.

އައްޑޫ ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެކި މަރުޙަލާތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، އައްޑޫ ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ގާއިމްކުރުމަށް މިމަހުގެ 7 ވަނަ ދުވަހު ވަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްފައެވެ.

ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އައްޑޫގައި ގާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއްކަން ފާހަގަކޮށްލެވެއެވެ.

"މިއީ ޓޯޓަލް ސޮލިއުޝަނެއް، ކުންފުންޏަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއް"

މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނަޖާޙު ވިދާޅުވީ، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ރަމަޟާން މަހަށްފަހު ފަށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މި މަޝްރޫޢުގެ ބައެއް މުހިންމު ތަފްސީލުތައް ޕްރޮގްރާމުގައި ހިއްސާކޮށްދެއްވާފައެވެ. އަދި މިއީ އައްޑޫ ކަރަންޓުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ މަޝްރޫޢެއްގެ ގޮތުގައި ނަޖާޙު ފާހަގަކުރެއްވިއެވެ.

ނަޖާޙު ވިދާޅުވީ، މިއީ ފެނަކައިން ދެމުންދާ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް ބަލާއިރު، ކުންފުނި އެހެން ހަރުފަތަކަށްޖެހި، ޖުމްލަގޮތެއްގައި މުޅި ކުންފުންޏަށްވެސް ލިބިގެންދާ އައު ތަޖުރިބާއަކާއި ބޮޑު ކުރިއެރުމެއްކަމަށެވެ.

"މިވަގުތު މާލޭ ސިޓީއަށް ގެނެވިފައި މިހުރި ޖަނަރޭޓަރުތަކާއި ދެމުންގެންދާ ޚިދުމަތްތަކާ އަޅާބަލާއިރު ހަމަ އެއް ފެންވަރެއްގައި އިނގޭތޯ، އެފިޝެންސީއަށް ބެއްލެވިޔަސް ހަމަ އެއް ފެންވަރެއްގައި ދެވޭނެ. ކޮލެޓީއަށް ބެއްލެވިޔަސް އަޅުގަނޑުމެން މި ދައްކަނީ ޔޫރަޕްގައި މިވަގުތު ބޭނުންކުރާ އެންމެ ވަރުގަދަ ޕައިނިއާޒް އޮފް ޑީސެލް ޖަނަރޭޓަރު ކުންފުނީގެ ވާހަކަދެއްތޯ. އެހެންވީމަ މާލެއެކޭ އެއް ފެންވަރަށްކަށް އެއް އެފިޝެންސީގައި އަޅުގަނޑުމެންނަށް އައްޑޫ ސިޓީގައި ޕަވަރ ޚިދުމަތް ދެވޭނެ މި ޕްރޮޖެކްޓް ފެށިގެންދާއިރު." ފެނަކައިގެ އެމްޑީ ނަޖާޙު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގައި ހިނގާނެ މައިގަނޑު މަސައްކަތްތައް:

• އައު އިންޖީނުގެ ތަރައްޤީކުރުން
• 5.2 މެގަވޯޓުގެ ލޯ-ސްޕީޑު 5 ޖަނަރޭޓަރު އިންސްޓޯލްކުރުން
• ފެނަކައިގެ ޓީމަށް ބެލްޖިއަމުން އޮން-ގްރައުންޑް ތަމްރީންތައް ދިނުން
• ގްރިޑަށް ކަރަންޓު ދިނުމާ ހަމައަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން
• ފިޔުލް ފާރމެއް ޤާއިމުކުރުން
• ބަންކަރިންގެ ޚިދުމަތް

މި މަޝްރޫޢުގެ ދަށުން ލޯ-ސްޕީޑު ޖަނަރޭޓަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާއިރު، އެތަކެތި އިންސްޓޯލްކޮށް ކޮމިޝަން ކުރެވެންވާއިރަށް، އިމުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެވި ޚިދުމަތަށް ފުރިހަމައަށް ތައްޔާރުކުރެވޭނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢު ނިންމާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮންޓްރެކްޓަރ ދެއްވާފައިވާކަމަށާއި، މިހާރުވެސް އެކަމުގެ އިދާރީ ކަންކަން ކުރިއަށްދާކަމަށް ނަޖާޙު ވިދާޅުވިއެވެ.

"ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަން ދެއްވާ ރަމަޟާންމަސް ހަމަ ނިންމާގޮތަށް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ގްރައުންޑްގައި ފަށާނެ ކަމަށް، މިހާރުވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދޭ." ނަޖާޙު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މިއާއެކު 20 އަހަރަށް ދަތިނުވާ ވަރަށް އައްޑޫ ސިޓީގައި ކަރަންޓު ކެޕޭސިޓީ ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.