ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު، މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޒިޔާރަތުގައި، އެ މަރުކަޒުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި، އެ މަރުކަޒު އިތުރަށް ހަރުދަނާ ކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ މަރުކަޒުގެ އިސްވެރިންނާ މަޝްވަރާކުރެއްވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް ޢަބްދުﷲ ޖިހާދަކީ، ސަރުކާރު ހިންގެވުމުގައި ކަނޑައަޅުއްވާފައިވާ، މައިގަނޑު ދެ ކައުންސިލްގެ ތެރެއިން ސޯޝަލް ކައުންސިލުގެ ޗެއަރމަންއެވެ.
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަކީ، އެމީހެއްގެ ބަލިޙާލަތާއި ބަލީގެ ބާވަތުން ދައުލަތުގެ ޚާއްޞަ އެހީތެރިމުގައި ބަލަހައްޓަވަންޖެހޭ މީހުންނާއި އެ ނޫންވެސް އެކި ސަބަބަތުތަކާހުރެ ސަރުކާރުގެ ބެއްލެވުމުގެ ދަށުން ބަލަހައްޓަވަންޖެހޭ މީހުން ބަލަހައްޓަވާ ޚާއްޞަ މަރުކަޒެވެ.
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒު ތަރައްޤީކުރެއްވުމާއި ފެންވަރު ރަނގަޅުކުރެއްވުމުގެ މަޝްރޫޢުތަކެއް މިހާރު ގެންދަވަނީ ހިންގަވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ އިސް މަސްއޫލްވެރިން ޒިޔާރަތްކުރައްވައި މިފަދަ ތަންތަނުގެ ޙާލަތު ބެއްލެވުމަށްފަހު އެ ތަންތަނަށާއި އެތަންތަނުގައި ދެއްވާ ޚިދުމަތްތަކަށް ގެންނަވަންޖެހޭ ރަނގަޅު ބަދަލުތައް ގެންނެވުމުގެ އިންތިޒާމްތައް ގެންދަވަނީ ހަމަޖައްސަވަމުންނެވެ.