ކުޅިވަރު

ޚާމަނާއީ އަވަހާރަކޮށްލި ބައެއްގެ ގާތަށް ވޯލްޑް ކަޕް ކުޅެން ނުދެވޭނެ: އިރާން


  • • ވޯލްޑްކަޕް ކުޅެން ޓްރަމްޕް އިރާނަށް މަރުހަބާ ކިޔާނެ: އިންފަންޓީނޯ

އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ އެމެރިކާއިން ކަމަށާއި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޑިކްޓޭޓަރެއް ކަމަށާއި އެ ފަދަ ގައުމަކަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން ނުދެވޭނެ ކަމަށް އިރާނުން ބުނެފި އެވެ.

ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާގެ ރައީސް ޓްރަމްޕް މަރުހަބާ ކިޔާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ އިރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދޮޔަންމާލީ ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ނުދާނެ ކަމަށް ވިދާޅުވުމުންނެވެ.

"އެމީހުން އަހަރުމެންނާ ދެ ފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފި 9 މަސް ދުވަހުގެ ތެރޭގައި. ޓްރަމްޕަކީ ޑިކްޓޭޓަރެއް. އަހަރުމެންގެ އެތައް ބަޔަކާއި އަހަރުމެންގެ ލީޑަރު ވަނީ މަރާލާފައި. އެ ފަދަ މީހެއްގެ ގައުމަށް އަހަރުމެން ދާނީ ކިހިނެތް. ކޮބާ ސަލާމަތާމެދު އޮންނާނެ ޔަގީން ކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިރާން ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރުގެ ވާހަކަތަކާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ތައްޔާރުވުންތަކާ މެދު މިދިޔަ އަންގާރަ ދުވަހު ޓްރަމްޕާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ކުރިއަށް ހަނގާރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކާމެދު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

"ރައީސް ޓްރަމްޕް ޔަގީންކަން ދެއްވި އިރާން ޓީމަށް މަރުހަބާ ކިޔާނެ ކަމަށް ވޯލްޑް ކަޕަށް. އަހަރުމެން އުއްމީދު ކުރަނީ ވޯލްޑް ކަޕް އޭގެ ފުރިހަމަ މާނައިގައި ބާއްވަން. އަދި ފުޓްބޯޅައިން މުޅި ދުނިޔެ ކުރިއަށްވުރެ އެކުވެރި ކުރުވަން. ރައީސް ޓްރަމްޕް މި މުބާރާތުގެ ކަންކަމަށް ދެއްވާ އަހަންމިއްޔަތު ކަމަށްޓަކައި ޝުކުރު އަދާ ކުރަން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ރައީސް މިހެން ވިދާޅުވި ނަމަވެސް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި އިރާނުން ވޯލްޑް ކަޕް ނުކުޅަސް ވަރިހަމަ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އޭނާ ސީދާކޮށް މިކަމާމެދު އަދި ވާހަކަފުޅެއް ނުދައްކަވަ އެވެ.

އެމެރިކާއިން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތްކަން ޔަގީންވާ ތަނަކަށް އިރާނުން ނުދާނެ ކަމަށާއި މިވަގުތުގެ ހާލަތު އޮތް ގޮތުން އެމެރިކާގައި ވޯލްޑް ކަޕް ކުޅެން ދާން އިރާނުން ނުވިސްނާ ކަމަށެވެ.

ނަމަވެސް އިންފަންޓީނޯ އަކީ ޓްރަމްޕްގެ ގާތް އިސް ބޭފުޅެކެވެ. އެކަމަކު އިންފަންޓީނޯ، ވޯލްޑް ކަޕާ ގުޅުވައި އިރާނާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއިރު އޭނާ އަކީ ވޯލްޑް ކަޕް ގުރު ނެގި ރަސްމިއްޔާތަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިން ވަޑައިގަންނަވަން އެމެރިކާއިން ވިސާ ނުދިނުމުން އެކަން ހައްލުކޮށް ނުދެވުނު ބޭފުޅެކެވެ.