ޚަބަރު

އީރާނުގެ ތެލުގެ ސަޕްލައި ހުއްޓުމަކަށް ނާދޭ!


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މުދާ އުފުލުމުގައި ދިމާވެފައިވާ ހުރަސްތަކާއެކު ގަލްފުގެ ގިނަ ޤައުމުތަކުން ތެލާއި ގޭސް އުފައްދާ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓާފައިވީނަމަވެސް، އީރާނުން ތެޔޮ ސަޕްލައިކޮށްދެމުންދާ ކަމަށް ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭނެ ކަމަށް އިޢުނާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ ބަންދުކުރުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

ނަމަވެސް، ހަނގުރާމަ ފެށުނުފަހުން، ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުން 11.7 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބޭރުކޮށްފައިވާކަމަށް ޓޭންކަރުތަކުގެ މަޢުލޫމާތު ބަލަހައްޓާ ޖަމްޢިއްޔާ ޓެންކަރޓްރެކަރ އިން ސީއެންބީސީ ނޫހަށް ބުންޏެވެ.

އީރާނުން އުފައްދާ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ޤައުމަކީ ޗައިނާ ކަމަށްވާއިރު، ހަނގުރާމައިގެ ތެރޭގައި ވެސް އީރާނުން މައިގަނޑު ގޮތެއްގައި ތެޔޮ ފޯރުކޮށްދެމުންދަނީ ޗައިނާއަށް ކަމަށް ބެލެވޭކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ އާދަޔާ ޚިލާފަށް އުފުލިފައެވެ.

މީގެ ކުރިން 85 އެމެރިކާ ޑޮލަރާއި 90 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ ތެލާއި ޖެޓް ފިއުލް ފީފާއެއްގެ އަގު މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރަށް އުފުލިފައެވެ.

ނަމަވެސް، ވަރަށް އަވަހަށް ހަނގުރާމަ ނިމުމަކަށް އަތުވެދާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއެކު، ތެލާއި ގޭހުގެ އަގު މިއަދު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ތެލުގެ ރިޒާވްގެ ބައެއް ބާޒާރަށް ނެރުމަށް ޤައުމުތަކާއެކު ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއޭއީއޭއިން މަޝްވަރާ ފަށާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.