ޚަބަރު

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް


  • ކިއުތައް ބެލެހެއްޓުން ތަރުތީބުކޮށް އާ އުސޫލު ވަނީ ކަނޑައަޅާފައި

  • ނޯތު ހާބަރުގެ ބޮޑު ބައެއް، މަގު ހެދުމުގެ މަޝްރޫޢާއެކު ވަނީ ތަރައްޤީކޮށްފައި

މާލޭގެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެމްޕީއެލްއިން ވިދާޅުވީ މި ބަދަލުތައް ގެނައީ އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށްޓަކައިކަމަށެވެ.

އެމްޕީއެލްއިން ވިދާޅުވީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެކަމަށެވެ.

ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެކަމަށާއި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ، އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ 2 (ދޭއް) ގަޑިއިރު ފަހުންނެވެ. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 (ތިން) ފަހަރުއެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެއެވެ.
އޭ-ޒޯން އަކީ ބޮޑުތަކުރުފާނުމަގު ފަޅިއާ ދިމާލު ތޮއްޓެވެ.

އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި ފަސްކުރުމެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތެއްކަމަށާއި، އެ ވަގުތަށް ކީވޯލް ޗާޖް ނަގާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެއެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 (ފަސް) ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެކެވެ.

މި ބަދަލަށް ޢަމަލުކުރަން ފަށާނީ 14 މާރިޗްވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00އިން ފެށިގެންނެވެ.