ޚަބަރު

މޮޅަކާއެކު ވިލިމާލެ ޔުނައިޓެޑުން ގުރޫޕުގެ މެޗުތައް ނިންމާލައިފި


  • ވިލިމާލެ ޓީމުން ވަނީ ހަމަލާތައް އުފެއްދުމުގައި ކުރި ހޯދާފަ

  • ގުރޫޕުގެ މެޗުތައް ވިލިމާލެއިން ނިންމާލީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ވިލިމާލެ ޔުނައިޓެޑުން މޮޅަކާ އެކު މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ. ގުރޫޕުގެ ފަހު މެޗުގައި ވިލިމާލެ ޔުނައިޓެޑުން ކާމިޔާބުކުރީ ދަ ގްރާންޑޭއާ ވާދަކޮށް 5-2 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުން ހަމަހަމަ ކުޅެމެއް ދެއްކި ނަމަވެސް ވިލިމާލެ ޓީމުން ވަނީ ހަމަލާތައް އުފެއްދުމުގައި ކުރި ހޯދާފައެވެ.

މެޗުގެ އެންމެ ފުރަތަމަ ހަމަލާ އުފެއްދީ ގްރާންޑޭ އިންނެވެ. އަހުމަދު ސާއިގް ފޮނުވަލި ހަމަލާ ގޯލާ ސީދާވާގޮތް ވަނީ ނުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ވިލިމާލެ ޓީމުން ލީޑުނެގީ 19 ވަނަ މިނިޓުގައި އެޓީމުގެ އަހުމަދު ރިލުވާން ދިން ބޯޅައަކުން ހަސަން ސޮލާހު ޖެހި ލަނޑުންނެވެ.

ވިލިމާލެއިން ދެވަނަ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބަންޑާރަ ނައިބު އަހުމަދު އުޝާމް ޕެނެލްޓީއަކުން ކާމިޔާބު ކުރި ލަނޑަކެވެ. އުޝާމް މި ލަނޑުޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައިއެވެ. މިއީ ގްރާންޑޭގެ ސައުދުﷲ އޭރިއާ ތެރެއިން ސޯލާހަށް ކުރި ފައުލަކަށް ލިބުނު ޕެނެލްޓީއެކެވެ.

މެޗުގެ 46 ވަނަ މިނިޓުގައި ވިލިމާލެ ޓީމުން ތިންވަނަ ލަނޑު ކާމިޔާބުކުރީ ސޮލާހު ގޯލަށް ވައްދާލި ބޯޅައަކުންނެވެ. ވިލިމާލެ ޓީމަށް އުޝާމް ހަތަރުވަނަ ލަނޑު ޖަހައިދިނީ 50 ވަނަ މިނިޓުގައި ސޮލާހު ދިންބޯޅައަކުންނެވެ.

ގްރާންޑޭގެ ދެ ލަނޑު މެޗުގެ ފަހުކޮޅު އެޓީމަށް ކާމިޔާބުކޮއްދިނީ ހަސަން ޝަރީފް އާއި ޝުއައިބް ޒާހިރެވެ. ވިލިމާލެ ޔުނައިޓެޑުގެ ސޮލާހު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އެންމެ ފަހު މިނިޓުގައެވެ.

މި ނަތީޖާ އެކު ގުރޫޕުގެ މެޗުތައް ވިލިމާލެއިން ނިންމާލީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުވެ. މި ގުރޫޕުން ސެމީއަށް ދިޔައ ނިއުރޭޑިއަންޓް އަށް ލިބުނީ 7 ޕޮއިންޓެވެ. މުއިވެޔޮ ތިންވަނައިގަ ނިންމާލީ 6 ޕޮއިންޓާއެކުވެ. ސިފައިންގެ ކުލަބު ހަތަރު ވަނައިގަ އޮތީ 4 ޕޮއިންޓާއެކުއެވެ. ގްރާންޑޭ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.