މުސްލިމުންނާ ދެކޮޅަށް، އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރު ޛަހްރާން މަމްދާނީގެ ގެކޮޅު ކައިރީގައި ކުރި މުޒާހަރާއެއްގެ ތެރެއިން ބޮމުގެ ޙަމަލާތަކެއް ދޭން ކުރި މަސައްކަތް، ނިރުބަވެރި ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤުކުރަން ފަށައިފިއެވެ.
ނިއު ޔޯކުގެ ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވީ، އެ މުޒާހަރާގެ ތެރެއިން، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއަށް ތާޢީދުކުރާ ދެ މީހަކު، އައިޑީތަކެއް ގޮއްވައިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އޭގެ ތެރެއިން އެއް އައިޑީ އެއްލާފައިވީނަމަވެސް، އޭތި އަމިއްލައަށް ނިވިގެން ގޮވާފައިނުވާކަމަށް ފުލުހުން ސީއެންއެން ނޫހަށް ބުނެފައިވެއެވެ. އެ ޙަމަލާއާ ގުޅިގެން މިހާތަނަށް ދެ މީހުން ހައްޔަރުކޮށްފައިވާއިރު، އެ ދެ މީހުންނަކީ ވެސް އައިސިސްގެ ފިކުރަށް ތާޢީދުކުރާ މީހުންކަމަށް އެއްބަސްވެފައިވާކަމަށް ފުލުހުންނާ ޙަވަލާދީ އެ ނޫހުން ބުނެފައިވެއެވެ. އޭގެތެރެއިން މީހަކު، ދެވަނަ އައިޑީ ވެސް ރޯކުރުމަށްފަހު، މަގުމައްޗަށް ވައްޓާލައި، ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮމިޝަނަރު ޓިޝް ވިދާޅުވި ގޮތުގައި، އެ އައިޑީތަކަކީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް ތައްޔާރުކޮށްފައިވާ ބޮންތަކެއް ކަން މިހާތަނަށް ކުރި ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ތިންވަނަ އައިއީޑީއެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަމްދާނީގެ ގެކޮޅު ކައިރީގައި މި ހަމަނުޖެހުންތައް ހިނގާފައިވަނީ، ނިއު ޔޯކުން މުސްލިމުން ބޭރުކުރުމަށް ގޮވާލައި އެއްވި މީހުންނާ ދެކޮޅަށް މުސްލިމުންގެ ގިނަ ބަޔަކު އެއްވުމުންނެވެ. އައިއީޑީތައް ބޭނުންކޮށްގެން ޙަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދެ ފަރާތުން އެއްވި މީހުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައެވެ.
ނިއު ޔޯކުގެ ފުރަތަމަ މުސްލިމު މޭޔަރު މަމްދާނީ އާއި އޭނާގެ އަނބިކަނބަލުން އެ ވަގުތު ގޭގައި ނޫޅުއްވާކަން އެނގިފައިވެއެވެ.