ޚަބަރު

ހުރުމުޒް ކަނޑުއޮޅި ބަންދު؛ ޢިރާޤުގެ ތެލުގެ ވިޔަފާރި ހުއްޓުމަކަށް


ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ޢިރާޤުން ތެޔޮ އުފެއްދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭނެ ކަމަށް އިޢުނާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، 200އަށްވުރެ ގިނަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

ހަނގުރާމައިގެ ކުރިން އީރާނުގެ ތެޔޮދަނޑުތަކުން ދިޔައީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.3 މިލިޔަން ފީފާގެ ތެޔޮ ބަންދުކުރަމުންނެވެ. ނަމަވެސް ހުރުމުޒް ކަނޑުއޮޅި ބަންދުުކުރުމާ ގުޅިގެން ޢިރާޤުގެ މައި ތެޔޮދަނޑުތަކުގައި ތެޔޮ އުފައްދާ މިންވަރު މިހާރު ވަނީ 70 އިންސައްތަ ދަށަށް ގޮސްފައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް މިހާރު ބަންދުކުރަމުންދަނީ އެންމެ 1.3 މިލިޔަން ތެޔޮ ފީފާއެވެ.

ޢިރާޤުގެ ދައުލަތުގެ ތެޔޮ ކުންފުނި، ބަސްރާ އޮއިލް ކޮމްޕެނީ (ބީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ ސާފުނުކުރާ ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ އެންމެ ގިނަ މިންވަރަށް ގުދަންތަކުގައި ތެޔޮ ފީފާތައް ރައްކާކޮށްފައިވާ ކަމަށެވެ. މިހާރު އުފައްދަމުންދާ ތެލަކީ ޢިރާޤުގެ ރިފައިނަރީތަކަށް ފޯރުކޮށްދިނުމަށް އުފައްދާ ތެޔޮ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ކުރިން ޢިރާޤުން ދިޔައީ ދުވާލެއްގެ މައްޗަށް 3.334 މިލިޔަން ފީފާ ބޭރުކުރަމުންނެވެ. ނަމަވެސް މާރިޗު މަހުގެ 8ވަނަ ދުވަހު ޢިރާޤުން ބޭރުކޮށްފައި ވަނީ 800،000 ފީފާގެ ތެލެވެ. އެ ފީފާތައް ބަރުކޮށްފައި ވަނީ އެންމެ ދެ ތެޔޮ ޓޭންކަރަށެވެ. ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށް އިތުރު ޓޭންކަރުތަކަށް ޢިރާޤުގެ ބަނދަރުތަކަށް ފޯރުމަށް ހުރަސްއެޅިފައިވާތީ ދެން އެ ޤައުމުން މި ދުވަސްވަރު އިތުރަށް ތެޔޮ ބޭރުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

ޢިރާޤުން ތެޔޮ ބޭރުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެ ޤައުމުގެ މިހާރު ވެސް ނާޒުކު ޙާލަތެއްގައި އޮތް މާލިއްޔަތަށް ބޮޑެތި އަސަރުތައް ކުރާނެ ކަމަށް ބެލެވެއެވެ. ދައުލަތުގެ ގާތްގަނޑަކަށް ހުރިހާ ޚަރަދެއް އަދި އާމްދަނީގެ 90 އިންސައްތަ ބަރޯސާ ވަނީ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީގެ މައްޗަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގެ ތެލުގެ ދާއިރާއަށް ކުރިމަރިވެފައިވާ އެންމެ ސީރިއަސް މައްސަލަ ކަމަށް އެ ޤައުމުގެ ތެލާބެހޭ ވުޒާރާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ޢިރާޤުގެ އިތުރުން ކުވައިތުން ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު ވަގުތީ ގޮތުން މަދުކޮށްފައެވެ. އެ ޤައުމުގެ ދައުލަތުގެ ތެޔޮ ކުންފުނި، ކުވައިތު ޕެޓްރޯލިއަމް ކޯޕޮރޭޝަން، ކޭޕީސީއިން ބުނީ އެ ނިންމުން ނިންމާފައި ވަނީ ތެލުގެ ދާއިރާއަށް ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރުމަށާއި މެދުކެނޑުމެއްނެތި ވިޔަފާރި ކުރިއަށް ގެންދެވޭނެ މަގެއް ޔަޤީންކުރުމަށް ކަމަށެވެ. ކުވައިތުން ތެޔޮ އުފެއްދުން މަދުކޮށްފައި ވަނީ ކިހާ މިންވަރަކަށް ކަމެއް ޙިއްޞާކޮށްފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމައިގެ ކުރިން އެ ޤައުމުން ދިޔައީ ދުވާލެއްގެ މައްޗަށް 2.6 މިލިޔަން ފީފާގެ ތެޔޮ އުފައްދަމުންނެވެ.