ޚަބަރު

ޢުމްރާވެރިން އިސްލާމީ ތާރީޚާއި ގުޅޭ މަދީނާގެ މުހިއްމު ޒިޔާރަތްތަކަށް


  • ޢުމްރާވެރިން ވަނީ ޤުބާ މިސްކިތަށް ގޮސްފައި

  • އުޙުދުގެ މައިދާނުގައި ހަނގުރާމައިގެ ތާރީޚުވެސް ކިޔައިދިން

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގެ ޢުމްރާއަށް އައި ފަރާތްތަކުން މަދީނާގެ އިސްލާމީ ތާރީޚާއި ގުޅުން ހުރި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފިއެވެ.

މިތަނަށް އަލަށް ޒިޔާރަތް ކުރި ފަރާތްތަކަށް ދީނީގޮތުން މުހިއްމު މަޢުލޫމާތުތަކެއް ލިބުނުއިރު، އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތް ކުރި ފަރާތްތަކަށްވެސް އަލުން ހަނދާން އައުކޮށްލުމަށް ވަނީ ފުރުޞަތުތަކެއް ލިބިގެން ގޮސްފައެވެ.

ޢުމްރާވެރިންގެ ޒިޔާރަތް ދަތުރުގައި ފުރަތަމަ ގޮސްފައިވަނީ، ޤުބާ މިސްކިތަށެވެ. ޤުބާ މިސްކިތަކީ، ރަސޫލާ މަދީނާއަށް ޙިޖުރަ ކުރެއްވުމުގެ ކުރިން 3 ދުވަސް ވަންދެން މަޑުކުރެއްވި ތަނެވެ. ޤުބާ މިސްކިތަކީ، ކީރިތި ރަސޫލާ ހަފްތާއަކު އެއްދުވަހު ދަތުރު ކުރެއްވުމަށްފަހު ވަޑައިގެން އެމިސްކިތެއްގައި ނަމާދުކުރައްވާ މިސްކިތެކެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހު އެ މިސްކިތަށް ވަޑައިގަންނަވާ ކަމަށްވެއެވެ. މަސްޖިދުއް ނަބަވީއިން ހިނގާފައި ގަޑިއިރަކުން ޤުބާ މިސްކިތަށް ދެވެއެވެ. ޤުބާގެ އަހުލުވެރިންނަކީ، ސާފުޠާހިރު ބައެއް ކަމަށް ތަޢުރީފުގެ ބަސް ޤުރުއާނުގައި އައިސްފައިވާ ރަށެއްގެ އަހުލުވެރިންނެވެ.

އެއަށްފަހު ޢުމްރާވެރިން ދެން ދިޔައީ، މަދީނާގެ ކަދުރު ބާޒާރަށެވެ. މަދީނާއަކީ، ކަދުރަށް ޚާއްސަ ރަށެކެވެ. ބައެއް ބާވަތްތަކުގެ ކަދުރާއި ބެހޭ ވާހަކަތައް ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާއިރު، އޭގެ ތެރެއިންވެސް އަޖުވާ ކަދުރު ފާހަގަކޮށްލެވެއެވެ. ބުނެވޭ ގޮތުގައި އުޘްމާނުގެފާނުގެ ކަދުރު ދަނޑު އަދިވެސް މަދީނާގައިވެއެވެ. އެ ކަދުރު ދަނޑުން ލިބޭ ނަފާ މަދީނާގެ އަހުލުވެރިންނަށް ޚަރަދު ކުރަމުންދާ ކަމަށްވެއެވެ.

އެއަށްފަހު ދެން ޢުމްރާވެރިން ޒިޔާރަތް ކުރީ، އުޙުދުގެ މައިދާނަށެވެ. އިސްލާމީ ތާރީޚުގައި ކުރި ފުރަތަމަ ހަނގުރާމަ ކަމަށްވާ ބަދުރު ހަނގުރާމައިން ލިބުނު ނާކާމިޔާބީގެ ސަބަބުން އެކަމުގެ ބަދަލު ހިފުމަށް މުޝްރިކުން މުސްލިމުންނާއި ކުރިމަތިލީ އުޙުދުގެ މައިދާނުގައެވެ. އުޙުދު ފަރުބަދައާއި މުޚާޠަބު ކުރައްވާ އެފަރުބަދަވެސް މުސްލިމުން ދެކެ ލޯބިވާ ކަމަށް އަދި ތިމަންބޭކަލުންވެސް އެފަރުބަދަ ދެކެ ލޯބިވާ ކަމަށް ކީރިތި ރަސޫލާ ވިދާޅުވި ކަމަށް އައިސްފައިވެއެވެ.

މަދީނާގެ އާސާރުތަކަށް ކުރި ދަތުރާއި ގުޅޭ ގޮތުން ޢުމްރާވެރިން ވަނީ ޕީއެސްއެމް ނިއުސްއާއި ޝުޢޫރު ޙިއްސާކޮށްފައެވެ.

"މިދަތުރުގެ ތެރެއިން މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިގެން ގޮސްފި." ޢުމްރާވެރިޔަކު ބުންޏެވެ.

"ވަރަށް ކުރިން އައިން ޙައްޖަށް، މިހާރު އެތައް ދުވަހެއްވީމަ އަލުން މިމަޢުލޫމާތު ލިބުމުން ހިތްހަމަ ޖެހިއްޖެ." އެހެން ޢުމްރާވެރިއެއް ބުންޏެވެ.

ޢުމްރާވެރިން މައްކާ މަދީނާއަށް ކުރާ ދަތުރުތަކުގައި ދީނީގޮތުން ތާރީޚާއި ގުޅިފައިވާ ތަންތަނަށް ދެވުމުން ދީނީގޮތުން ހޭލުންތެރިވެ ދީން މިހާހިސާބަށް ގެންނެވުމަށް ރަސޫލު ބޭކަލުންނާއި އޭގެފަހުން ވަޑައިގަތް ބޭކަލުން ކުރެއްވި މަސައްކަތްޕުޅު ހިތަށް ގެނެވެއެވެ.