ތަޢުލީމު

ދަރުމަވަންތަ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ރިފްއާން


މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މިދިޔަ އަހަރު އެސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަން ކުރި އަޙްމަދު ރިފްއާން ރަޝީދު ހޮވިއްޖެއެވެ.

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުން މި ދަރިވަރު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.

ދަރުމަވަންތަ ސްކޫލްގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މި ދިޔަ އަހަރު އެކި ގޮތްގޮތުން ފާހަކަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މީގެތެރޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު އެސްކޫލްގެ ދަރިވަރުންނަށާއި އޯލެވެލް އިމްތިހާނުން 8 މާއްދާއިން އޭ ފާސް ހޯދައިގެން މުޅި ރާއްޖެއިން 1ވަނަ ހޯދި ދަރިވަރުންނަށްވެސް އިނާމާ ހަނދާނީ ލިއުންދީފައިވެއެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

2015 ވަނަ އަހަރުގެ ދަރަމަވަންތަ ސްކޫލުން ރަން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްއެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރިފްއާން ވަނީ ރާއްޖޭގެ ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނި 2015 ވަނަ އަހަރު ބޭއްވި އެކި ހަރަކާތްތަކުން ސްކޫލަށް ރީތިނަން ހޯދާދީފައެވެ. މި ރަސްމިއްޔާތުގައި ރިފްއާންއަށް ލިބުނު ކާމިޔާބީގެ އުފާ ހިއްސާކުރަމުން ރިފްއާން ބުނީ މި ކާމިޔާބީގެ އަސްލަކީ ރިފްއާންގެ ބެލެނިވެރިންގެ މިންނެތް ބުރަ މަސައްކަތްކަމަށެވެ. އަދި ބެލެނިވެރިން ދެއްކެވި ރިވެތި ނަމޫނާގެ މަގުން ހިނގުމުން ލިބުނު އުފަލެއްގެ ގޮތުގައި ރިފްއާން އޭނާގެ ކާމިޔާބީ ސިފަކޮށްފައިވެއެވެ.

މި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ ޗެއަރމަން އަޙްމަދު ނިޔާޒު ވިދާޅުވީ ޤައުމުގެ ތަރައްޤީގައި މިއަދުގެ ކިޔަވާކުދިންނަކީ މުހިއްމު ބައެއްކަމުގައެވެ. އެގޮތުން ހަޤީޤީ ތަރައްޤީއަކީ ޢިލްމީ ކުރިއެރުންތަކާއެކު ޤައުމެއްގައި ބިނާވެގެންދާ ވަރުގަދަ އިޖްތިމާޢީ ރީތި އުޞޫލްތައްކަމުގައި ވިދާޅުވިއެވެ. މިކަންކަން ދެމެހެއްޓުމަށް ހުރިހާ މުދައްރިސުން ދަރިވަރުންގެ ކިބައިގައި އަޚްލާގީ ރިވެތި ސިފަތައް އަށަގެންނެވުމަށް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުންގެ ތެރެއިން ދެވަނަ މަޤާމް ހާޞިލްކޮށްފައިވަނީ އިބްރާހީމް ޝާދިން މުޙައްމަދު ރަޝީދެވެ. އަދި ތިންވަނަ ހާޞިލްކޮށްފައިވަނީ ފާރިހު މުޙައްމަދު ވަޙީދެވެ.