ބެންފީކާގެ ޒުވާން ވިންގަރ ޕްރެސްޓިއާނީއަށް އޭނާގެ މައުސޫމްކަން ސާބިތުކޮށް ނުދެވިއްޖެނަމަ، ބެންފީކާއާއެކު އޭނާގެ ކެރިއަރު ނިމުނީކަމަށް އެ ޓީމުގެ ކޯޗު، ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ބެންފީކާއިން ލީގުގައި ކުރިއަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޮރީނިއޯ ބުނީ، އޭނާ އަކީ ވަކީލެއް ނޫން ނަމަވެސް، ކުށްވެރިއެއްކަން ސާބިތުނުވާ ހިނދު އެއްވެސް އިންސާނަކީ ކުށްވެރިއެކޭ ނުބުނެވޭނެ ކަމަށެވެ. އެހެންނަމަވެސް ބައެއް ރަސްމީ އިދާރާތަކުންނާއި ކޮމިޓީތަކުން ވެސް އަދި މީޑިއާއިން ވެސް ޕްރެސްޓިއާނީ އަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން މޮރީނިއޯ ފާޅުކުރިއެވެ.
ކަން މިހެން އޮތް ނަމަވެސް، ތަހުގީގުކުރަންޖެހޭ ފަރާތްތަކުން ތަހުގީގުކޮށް ނިމި، ޕްރެސްޓިއާނީއަށް އޭނާގެ މައުސޫމްކަން ނުވަތަ ކުށެއް ނުކުރާކަން ސާބިތުކޮށް ނުދެވިއްޖެނަމަ، މޮރީނިއޯގެ އިރުޝާދުގެ ދަށުން ދެން ޕްރެސްޓިއާނޯ ނުކުޅޭނެ ކަމަށާއި ޕްރެސްޓިއާނީ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނާނެކަމުގެ ވަރުގަދަ އިންޒާރު މޮރީނިއޯ ދިނެވެ.
މޮރީނިއޯ ބުނީ، ފުޓުބޯޅައަކީ އެންމެންގެ މެދުގައި ވެސް ހަމަހަމަކަން ގާއިމްކުރާނެ ކުޅިވަރެއް ކަމަށާއި، މި ކުޅިވަރުގެ ތެރޭގައި އެއްވެސް ގޮތަކުން އެއްވެސް މީހަކާމެދު ތަފާތުކުރުން ގެންގުޅެން ޖާގަ އޮވެގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ކުޅުންތެރިއަކަށް ވެސް އެ ފުރުސަތު ނުދޭނެކަމަށް މޮރީނިއޯ ބުންޏެވެ.
ބެންފިކާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކޮށްފައިވާ މައްސަލަ ހޫނުވެ، އެ މެޗުގެ ކުޅުން 10 މިނެޓަށް މެދުކަނޑާލަން ވެސް ޖެހުނެވެ. ވިނީޝިއަސްއާއި ރެއާލްގެ ކުޅުންތެރެރިން ތުހުމަތުކުރަނީ ޕްރެސްޓިއާނީ، ވިނީޝިއަސްއަށް ނިސްބަތްކޮށް ރާމާމަކުނޭ ގޮވާފައިވާ ކަމަށެވެ.
މި މައްސަލައަގައި ރެއާލް އާއި ބެންފީކާއިން ޕްލޭ އޮފްގައި ކުޅުނު ދެވަނަ މެޗަށް ޕްރެސްޓިއާނީ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.