ޚަބަރު

ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފި


  • އަގީލް މާލެ ގެނައީ 21 ފެބުރުއަރީގައި، އޭނާ ބަންދުކުރީ 22ގައި

  • އޭނާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އޭނާ މާލެ ގެނައީ ތައިލޭންގައި ހުއްޓާ

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމްގެ ކުރީގެވެރިން ހިންގި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ތަހުގީގަށް ހޯދަމުންދިޔަ އެފްއޭއެމްގެ އޭރުގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑް މުޙައްމަދު އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވިގޮތުގައި އޭނާ މާލެ ގެނައީ ތައިލޭންޑުގައި ހުއްޓާ 21 ފެބުރުއަރީގައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް އަގީލް ބަންދުކޮށްފައިވަނީ 22 ފެބުރުއަރީގައެވެ.

ފިލައިގެން ތައިލޭންޑްގައި އުޅެނިކޮށް އަގީލް ރާއްޖެ ގެނެސްފައިވާއިރު، އޭނާއަކީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިޔާނަތްތެރިވި މައްސަލައިގައި ހިމެނޭ މީހެކެވެ. ޕީޖީ އޮފީހުން ވިދާޅުވީ އަގީލްގެ މައްޗަށް ކުރާ ދައުވާއަކީ މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 19 ޖެނުއަރީ 2025 ގައި ކަމަށެވެ.

އަގީލު ކޯޓަށް ހާޒިރުނުކުރެވިގެން ބެލިއިރު އޭނާ ރާއްޖޭގައި ނެތުމުން ފުލުހުން ގެންދިޔައީ އޭނާ ފޮޓޯ އާންމުކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ތައިލޭންޑްގެ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައިގެންނެވެ. ބައްސާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެންވެސް އާގިލް ކޯޓަށް ހާޒިރުކުރުމަށް އެތައް ފަހަރެއްގެ މަތިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އޭނާ ކޯޓަށް ހާޒިރުނުވުމުން ބައެއް އަޑުއެހުންތައް އޭރު ކެންސަލްވެސް ކުރިއެވެ.

ބައްސާމަށް މަނީލޯންޑަރ ކުރުމަށް އެހީތެރިވިކަމުގެ ތުހުމަތު ކުރެވޭ އަގީލް އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމެންޓުގެ ވެރިއަކަށް ހުރިއިރު، އެ އިދާރާގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ ބައްސާމުގެ މައްޗަށް މިހާތަނަށް ވަނީ 3 ދައުވާއެއްގެ ކުށް ސާބިތުވެފައެވެ.

އަދި 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އެއާއެކު ބައްސާމް މިހާރު ގެންދަނީ 32 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ.