ޢާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ޚިޔާލު ހޯދުމަށް މާލެ ސަރަޙައްދުގައި ވޯކް އެން ޓޯކް ހަރަކާތެއް ބާއްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހަރަކާތަކީ، ފުލުހުންނާއި ޢާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، ޚިލާޔު ބަދަލުކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ޙައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކޮށްފައިވެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތުގައި 100އެއްހާ ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ ވޯކް އެންޑް ޓޯކް ހަރަކާތަކީ، ރައްޔިތުންނާ ގާތުން ދެފަރާތުން ގުޅިގެން، ހުރި ކަންކަން އިތުރަށް ދެނެގަނެ ކަންކަން އޮޅުންފިލުވައި މަޝްވަރާ ކުރުމަށް މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ހަރަކާތެއް. މި ހަރަކާތުގެ ތެރެއިން މާލެ ސަރޙައްދުގެ 100އެއްހާ ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވޭ". ޝިފާން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މި ހަރަކާތުގައި މާލެ ސަރަޙައްދުގެ ސީނިއަރ ލެވެލްގެ 250އެއްހާ ފުލުހުން ބައިވެރިވި ކަމަށެވެ.
ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ، މާލެއާއި އަތޮޅުތެރޭގައިވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.