ޚަބަރު

މެދުއިރުމަތީގެ ވައިގެ އުދުހުންތައް ހުއްޓުމަކަށް


ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފެށުމާއެކު، އީރާނުން ވެސް ދެމުންދާ ރައްދު ޙަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން މެދުއިރުމަތީގެ ޤައުމުތަކަށް ވައިގެ އުދުހުންތައް ހުއްޓާލައިފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އެ ޤައުމުގެ ހަތަރު މައި ސަހަރަކަށް މިސައިލް ޙަމަލާތައް އަމާޒުކުރަމުންދާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލައިފައެވެ. ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ފޮނުވަމުންނެވެ.

އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ޔޫއޭއީ ވެސް ހިމެނެއެވެ.

ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ.

މިގޮތުން، ވިލާތުގެ އިއްތިޙާދުގެ ކަމާބެހޭ އިދާރާއިން ވަނީ، މެދުއިރުމަތީގެ ވައިގެ ސަރަޙައްދުން ދަތުރުނުކުރުމަށް އެއާލައިންތަކަށް އަންގައިފައެވެ. އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސްއިން ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ތެލްއަވީވްގެ އިތުރުން ބަޙްރެއިނަށް ދަތުރުނުކުރަން ނިންމައިފައެވެ.

ރަޝިޔާއިން ވެސް ވަނީ އީރާނުގެ އިތުރުން އިސްރާއީލަށް ވައިގެ އުދުހުންތައް މި ވަގުތަށް މެދުކަނޑައިލަން އެ ޤައުމުގެ އެއާލައިންތަކަށް އަންގައިފައެވެ.
އީރާނާއި އިސްރާއީލްގެ އިތުރުން، ބެއިރުތާއި ދުބާއީއަށް އުދުހުންތައް ހުއްޓައިލި އެއާލައިންތަކުގެ ތެރޭގައި، ލުފްތާންސާ، އެމިރޭޓްސް، ޤަތަރު އެއާވޭސް އަދި ކުވެއިތު އެއާވޭސް ވެސް ހިމެނެއެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށްވާއިރު، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އުދުހުންތައް ހުއްޓައިލުމުގެ ސަބަބުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް މިހާރު ވެސް ދަނީ ބޮޑެތި ލޮޅުންތައް އަރަމުންނެވެ.