ދުނިޔެ

އދ. ގެ ޢާއްމު މަޖިލީހުގެ ސަމާލުކަން ރެފިއުޖީންނަށް


ދުނިޔޭގެ މަސްރަޙުގައި އެއިރެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބަހުސްކުރަން ފުރުޞަތު ލިބޭ އެއް ބައްދަލުވުމަކީ އދ. ގެ ޢާއްމު މަޖިލީހުގެ ބައްދަލުވުމެވެ. ދުނިޔޭގެ އެތައްހާސް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އދ. ގެ މިފަހަރުގެ ޢާއްމު މަޖިލީހުގެ ސަމާލުކަން ހުއްޓިފައިމިވަނީ ރެފިއުޖީންގެ މައްސަލައަށެވެ.

ދުނިޔޭގެ ފެންވަރުގައި އެންމެ ގިނަ ޤައުމުތަކުގެ ވެރިން އެއްތަންވެ، ދުނިޔޭގެ މަސްރަޙުގައި އެއިރެއްގައި އެންމެ ބޮޑު މައްސަލަތަކަށް މަޝްވަރާގެ މޭޒުތަކުން ޙައްލު ހޯދުމަށް ލިބިދޭ އެންމެ ބޮޑު އެއް ފުރުޞަތަކީ 193 ޤައުމުގެ މައްޗަށް އެކުލެވޭ އދ. ގެ ޢާއްމު މަޖިލީހުގެ ބައްދަލުވުންތައްކަން ޔަގީނެވެ.

img:http://s1.psmnews.mv/images/660x400/14743538434119.jpg|އދ ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއް ކުރިއަށްދަނީ- ފޮޓޯ: ޒިންހުއާ

އދ. ގެ އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން އެމެރިކާގެ ނިއުޔޯރކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ފެށިގެން ކުރިޔަށްދާއިރު، ނިއުޔޯކް ސިޓީގައި މިފަހުގެ ތާރީޙެއްގައި ހިނގައިދިޔަ އެންމެ ވަރުގަދަ ޓެރަރިސްޓް ޙަމަލާ ހިނގާފައި މިވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން މި ޙަމަލާގައި 29 މީހުނަށް އަނިޔާވެފައިވެއެވެ. މި ޙަމަލާ ދިންކަމަށް ޝައްކު ކުރެވިގެން ސަލާމަތީބާރުތަކުން ހޯދަމުންއައި ޢުމުރުން 29 އަހަރުގެ އަހްމަދު ޚާން ރަހާމީ މިހާރު މިވަނީ ހައްޔަރު ކުރެވިފައެވެ.

ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކަމަށް ޤައުމުތަކުން އިއްތިފާޤުވެއެވެ. އެހެންނަމަވެސް މިއަހަރު އދ. ގެ ޢާއްމު މަޖިލީހުގައި އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ މައްސަލައަކީ ރެފިއުޖީންގެ މައްސަލައެވެ. 65 މިލިއަން މީހުންގެ ގެދޮރުގެއްލި، 21 މިލިއަނެއްހާ ރެފިއުޖީން އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މީގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އެހެންނަމަވެސް ރެފިއުޖީންގެ މައްސަލައަށް މާބޮޑު އެދެވޭ ކުރިއެރުމެއް އައިސްފައެއް ނުވެއެވެ.

img:http://s1.psmnews.mv/images/660x400/14626148420591.jpg|ކެންޔާގެ ރެފިއުޖީ ކެމްޕްތަކެއް- ފައިލް ފޮޓޯ: ޒިންހުއާ

ރެފިއުޖީންގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހުއްޓުވާލާފައިވަނީ އެންމެ 3 އަހަރުގެ އަލަން ކުރުދީގެ ފުރާނަ ނެތް ހަށިގަނޑުގެ އަސަރުގަދަ ފޮޓޯ ސޯޝަލްމީޑިއާގައި ފެތުރެން ފެށުމުން ކަމަށްވެސް ބުނެވިދާނެއެވެ. ސޫރިޔާގެ އާއިލާއަކަށް ނިސްބަތްވާ އަލަން ކުރުދީ މަރުވެ، ގޮނޑުދޮށަށް ލައްގާފައިވަނީ، ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިން ސަލާމަތްވުމަށް އޭނާގެ އާއިލާ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ކެނެޑާއަށް ދިއުމަށް ދަތުރުކުރަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމާއެކު ރެފިއުޖީންގެ މައްސަލައަށް އަޅާނުލާތިބި އެތައް ޤައުމެއްގެ ސަރުކާރުން ރެފިއުޖީންގެ މަޢުޟޫ މައްސަލައެއްގެ ގޮތުގައި ބަލައިގަންނަން މަޖުބޫރު ކުރުވިއެވެ.

ސޫރިޔާގެ އިތުރުން އަފްޣާނިސްތާނާއި އިރާޤު ފަދަ ޤައުމުތަކަކީ، އެޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިން ފިލަން ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ ޢާއްމު ރައްޔިތުން އެޤައުމުތަކުން ބޭރުވަމުންދާ ޤައުމުތަކެވެ. ރެފިއުޖީންގެ ގޮތުގައި އެތައްހާސް ބަޔަކު ކޮންމެ އަހަރަކު އަމިއްލަ ޤައުމު ދޫކޮށް ހިޖުރަކުރަމުންދާއިރު، މީގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކުރަމުންދަނީ ވިލާތުގެ ޤައުމުތަކަށެވެ. ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަންފެށި ރެފިއުޖީންނަށް ހިޔާވަހިކަން ދިނުމުގައި ވިލާތުގެ ބައެއް ޤައުމުތަކުން އެންމެ ފުރަތަމަ ފަސްޖެހުނު ނަމަވެސް،މިހާރު ގިނަ ޤައުމުތަކުން ދަނީ ރެފިއުޖީންނަށް އެޤައުމުތަކުގައި ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.

img:http://s3.psmnews.mv/images/660x400/7675.jpg|ޔޫ.އެން.އެޗް.ސީ.އާރް އިން ބަލަހައްޓާ ރެފިއުޖީ ކޭމްޕެއް- ފޮޓޯ: ޒިންހުއާ

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ގިނަ ޢަދަދެއްގެ ރެފިއުޖީންނަށް ސަލާމަތްތެރިކަމާއެކު ވިލާތުގެ އައްސޭރިތަކަށް ގެނައުމުގައި އިޓަލީވިލާތް ފަދަ ޤައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް މެޑިޓެރޭނިއަން ކަނޑު ހުރަސްކުރުމުގެ ތެރޭގައި މިދިޔަ އަހަރު އެކަނިވެސް 3700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އދ. ގެ ޢާއްމު މަޖިލީހުގެ ބައްދަލުވުން ފެށިގެން ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ޤައުމުތަކުގެ އިސް ބައެއް ވެރިންވެސް މިހާރު ވަނީ މި ބައްދަލުވުމުގައި ބައިވެރިވުމަށް ނިއުޔޯކަށް އަންނަން ފަށާފައެވެ. މިބައްދަލުވުމުގެ ތެރެއިން، ރެފިއުޖީންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤައުމުތަކުން އަޅާނެ ފިޔަވަޅުތަކާއި، ހިޖުރަކުރުމުގެ ތެރޭގައި މަރުވާ ރެފިއުޖީންގެ ޢަދަދު މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ޤައުމުތަކުގެ ފެންވަރުގައި ރެފިއުޖީންނަށް ހިމާޔަތްދިނުމުން ކުރިމަތިވެދާނެ ގޮންޖެހުންތައް ފަދަ، މައްސަލަތަކަށް ޙައްލެއް އައުން މިއީ ގިނަ ބައެއްގެ އުއްމީދެވެ. ގިނަ ބައެއްގެ އުއްމީދާ ގުޅިފައިވާ މުހިއްމު ނިންމުންތަކެއްގެ ތެރެއިން ރެފިއުޖީންގެ މައްސަލައަށް އެދެވޭ ލުޔެއް ލިބުން މިއީ މި ބައްދަލުވުމުގެ ތެރެއިން ނެރެވިދާނެ އެންމެ ރަނގަޅު ނަތީޖާއަށްވެސް ވެގެންދާނެއެވެ.