ޕްރެސިޑެންޓްސް ކަޕްގެ 2026 ގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި، އަނިޔާވި އޮޑި ސްޕޯޓްސް ކުލަބުގެ މުޙައްމަދު ރަޝީދު (ހޮކޭ) ގެ އަތުގެ ކުޑަ ހުޅު ވަނީ ނެއްޓިފައި ކަމަށް އެ ކުލަބުން ބުނެފިއެވެ.
އޭނާއަށް އަނިޔާވީ މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ ކައިރިން ނައްޓާލާފައި ދާން އުޅުމުގެ ތެރޭގައި މެޗުގެ 76 ވަނަ މިނިޓްގައެވެ. މުޙައްމަދު ރަޝީދަށް ފަރުވާދިނުމަށް އޮޑީގެ މެޑިކަލް ޓީމުގެ އިތުރުން މާޒިޔާގެ މެޑިކަލް ޓީމުންންވެސް ދަނޑުމައްޗަށް އެރިއެވެ. އަދި ގިނަ އިރުތަކަކަށް މެޗު މެދުކަނޑާލުމުން އޭނާއަށް ލިބުނީ ސީރިއަސް އަނިޔާއެއްކަމަށް އެރޭ އޮތީ ބެލެވިފައެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެ ކުލަބުގެ އޮފިޝަލަކު ބުނީ އަނިޔާވީ ވާއަތުގެ ކުޑަ ހުޅަށް ކަމަށެވެ. ހުޅު ނެއްޓިފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިއުމުން މިހާރު ވަނީ އެކްސްރޭ ނެގުމަށްފަހު ގެއަށް ދޫކޮށްލާފައި ކަމަށް ކުލަބުން ބުންޏެވެ.
މުހައްމަދު ރަޝީދުގެ ފަރުވާ ހުރިހާ ކަމެއް ބަލަހައްޓަނީ އޮޑި ސްޕޯޓްސް ކުލަބުން ކަމަށްވެސް އެ ކުލަބުން މައުލޫމާތު ދެއެވެ. އޮޑީގެ ފުރަތަމަ 11 ގައި ހިމެނިގެން ފައިނަލު މެޗުގައި ކުޅެން އެރި މި ކުޅުންތެރިޔާ ވަނީ މެޗު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ވަރަށް ރީތި ކޮންބިނޭޝަނެއް މުޅި ޓީމުގެ ފަރާތުން ފެނިގެން ދިޔަ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެން ނިކުތް މުޙައްމަދު ރަޝީދުގެ ވާތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް، ފަހުން ވަނީ ދަނޑުމަތިން ބާލާފައެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ އެނބުރި ކުޅުމުގެ ތެރެއަށް ނިކުމެފައެވެ.
އޮޑި ސްޕޯޓް ކުލަބާއި ގުޅުނު ފަހުން ހޮކޭ ވަނީ އެކުލަބަށް މޮޅު ކުޅުމެއް ކުޅެ، ކުލަބުން ޕްރެސިޑެންޓްސް ކަޕްގެ ތަށި އުފުލާލަދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާއަކީ އިދިކޮޅު ޓީމުތަކުން އެނަލައިޒް ކުރާ ގޮތުގައި 'މާކް' ކޮށްގެން ކުޅެން ޖެހޭ ކަހަލަ، ދަނޑުމަތީގައި ހަލުވި ކުޅުންތެރިއެއް، އަދި ހުނަރުވެރި ކުޅުންތެރިއެވެ.
ރާއްޖޭގެ ފުޓްބޯޅަށް މުޙައްމަދު ރަޝީދު (ހޮކޭ) ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށް، އެކަން އެފްއޭއެމްއިން ފާހަގަކޮށްފިއެވެ. މިކަން ފާހަގަކޮށް، އެފްއޭއެމްއިންވަނީ 2022 ވަނަ އަހަރު ރ.އަތޮޅު އަލިފުށީގައި ކުލަބު ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށްފަހު މުޙައްމަދު ރަޝީދަށް ޚާއްސަ ހަނދާނީ ފިލައެއް ދީފައެވެ. މިފިލާ މުޙައްމަދު ރަޝީދާ ހަވާލްކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު, މުޙައްމަދު ރަޝީދު (ހޮކޭ) ވަނީ 2022 ވަނަ އަހަރު، ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޓެކްނިކަލް ސްޓާފުންގެ ޓީމުގައިވެސް މަސައްކަތް ކޮށްފައެވެ. އުމުރުން 40 އަހަރުގެ މުޙައްމަދު ރަޝީދުވަނީ ފުލްބެކް މަގާމުގެ އިތުރުން މިޑްފީލްޑަރަކަށްވެސް ކުޅެފައެވެ.
މުޙައްމަދު ރަޝީދު އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކުލަބްގައި މުޙައްމަދު ރަޝީދު ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އޭނާ ވަނީ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއްދައްކާފައެވެ. ކުލަބް ވެލެންސިޔާ، މާޒިޔާ، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް އަދި ސަސްއަށް ވެސް މުޙައްމަދު ރަޝީދުވަނީ ކުޅެފައެވެ.
ޤައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ޤައުމީ ޓީމަށް އެއް ގޯލު ޖަހައިދީފައެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. މުޙައްމަދު ރަޝީދަކީ ރާއްޖޭގައި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
މުޙައްމަދު ރަޝީދު އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރުއެވެ.