ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު 'ފްރެޑްރިކް އެކްސް' އަށް އަރުއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ، މިއަދު ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކޮށްދެއްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެކަމަނާ ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން ޢަބްދުﷲ މުޝްރިފްއާއި، ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖެއާއި ޑެންމާކްއާ ދެމެދު ޙާރިޖީ ގުޅުން ޤާއިމު ކޮށްފައިވަނީ، 8 ނޮވެންބަރު 1982 ގައެވެ.