ފިލިޕީންސްގެ ކުރީގެ ރައީސް ރޮދްރިގޯ ދުތާތޭ ވެރިކަމުގައި ހުުންވެވި ދުވަސްވަރު އެ ޤައުމުގައި އެތައް ހާސް ބައެއް މަރާލުމުގައި އޭނާގެ ދައުރު ބޮޑު ކަމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީގެ ޕްރޮސެކިއުޓަރުން ވިދާޅުވެއްޖެއެވެ.
2016ވަނަ އަހަރުން 2022ވަނަ އަހަރަށް ފިލިޕީންސްގެ ރައީސްގެ މަޤާމުގައި ހުންނެވިއިރު ދުތާތޭ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ކުުރެއްވި މަސައްކަތުގައި ފިލިޕީންސްގެ އެތައް ހާސް ބަޔަކު މަރުވެފައިވެއެވެ. އެ މީހުން މަރާލާފައި ވަނީ ޤާނޫނީ މަރުޙަލާތަކުގެ ތެރެއިން ނޫން ކަމަށް ބުނެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ދުތާތޭގެ މަސައްކަތްތައް ކުށްވެރި ކޮށްފައެވެ.
އައިސީސީއިން ވަނީ ދުތާތޭއާ ދެކޮޅަށް އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގާފައިވާ ކަމުގެ ތިން ދައުވާ އުފުލައިފައެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރު ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން ޤަތުލްކޮށްފައިވާއިރު، އެ މަރުތަކަކީ ދުތާތޭގެ ސިޔާސަތުތަކުގެ ސަބަބުން އުފެދުނު އަނިޔާވެރިކަމުގެ ނަތީޖާ ކަމަށް އައިސީސީގެ ޕްރޮސެކިއުޓަރުން ވިދާޅުވެއެވެ. މަސްތުވާތަކެތި ވިއްކާ އަދި ބޭނުންކުރާ މީހުން މެރުމަށް ޚާއްޞަ ސްކޮޑުތައް އުފައްދަވައި އެ ސްކޮޑުތަކަށް ޚަރަދުކުރައްވައި ހަތިޔާތު ދުތާތޭ ދެއްވާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކުރެއެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓަރ މޭމް ނިއަންގ ކޯޓުގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ދުތާތޭ ކުރެއްވި ކަމަށް ވިދާޅުވާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވެފައިވާ ކަމަށެވެ. އޭނާ ވަނީ ދައުވާ ކަށަވަރުކޮށް ދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މައްސަލަ ޝަރީޢަތަށް ގެންދެވޭނީ އޭރުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އައިސީސީގެ ޤަވާއިދުގެ ދަށުން މައްސަލަ ޝަރީޢަތަށް ގެންދެވޭ ވަރަށް ހެކި ހުރިތޯ ފަނޑިޔާރުން މިހާ ހިސާބުން ބަލާނެއެވެ. އަޑުއެހުންތައް ނިމުމުން އެ މަސައްކަތް ކުރުމަށް ފަނޑިޔާރުންނަށް 60 ދުވަހުގެ މުއްދަތެއް ލިބިގެންވެއެވެ.
ދުތާތޭގެ ދިފާޢީ ވަކީލު، ނިކޮލަސް ކައުފްމަން ވިދާޅުވީ ދުތާތޭއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަޤްޞަދެއްގައި އުދުލާފައިވާ ދައުވާތަކެއް ކަމަށެވެ. ދުތާތޭ ވެސް ވިދާޅުވަނީ އޭނާގެ ކުށެއް ނެތް ކަމަށެވެ.