ކުރިޔަށް އޮތް ތަނުގައި ނިއުރޭޑިއަންޓުގެ މެޗުތައް ކުޅުމާއި ފަރިތަކުރުންތަކަށް ބޭނުންކުރެވޭ ގޮތަށް މާލެ އަތޮޅު ގުރައިދޫ ފުޓްބޯޅަ ދަނޑު ހަމަޖެއްސުމަށް ކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ބުނެފިއެވެ.
ނިއުރޭޑިއަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުބީން ބުނީ ކ. ގުރައިދޫ ކައުންސިލާއެކު އެކަމުގެ އެއްބަސްވުމަކާ ހަމައަށް އައުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.
އެގޮތުން ގުރައިދޫ ދަނޑު ތަރައްޤީކޮށް އިންފްރާސްޓްރަކްޗަރ ބިނާކުރުންފަދަ ހުރިހާ ކަމެއް ކުރާނީ ނިއުރޭޑިއަންޓުން ކަމަށް މުބީން ބުންޏެވެ.
"ނިއުރޭޑިއަންޓާއި ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ ދަނޑެއްގެ ގޮތުގައި، އެ ދަނޑު
އެއީ އަޅުގަނޑުމެން މެޗުތައް ކުޅުމާއި އެހުރިހާ ކަމަށް ކުރިޔަށް އޮތްތަނުގައި ބޭނުން ކުރާ ގްރައުންޑެއް ގޮތަށް އެ ނެގޯސިއޭޝަންގައި މި އުޅެނީ" މުބީން ބުންޏެވެ.
މީގެ އިތުރުން މާލޭގެ ބައެއް ކުލަބުތަކަށް ދީފައިވާފަދަ ކުޑަ ގްރައުންޑެއް ނިއުރޭޑިއަންޓަށް ހޯދުމަށް ވުޒާރާތަކާއެކުު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އަދި މާލޭގައި ރަސްމީކޮށް އެކަޑަމީ ހިންގުމުގެ ތެރެއަށް ނުވަދެއޮތް ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބަކާއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށް މުބީން ބުންޏެވެ.
"މާލޭގައި ފަރިތަކުރުންތަކަށް ދަނޑު ހޯދުމަކީ ވަރަށް އުނދަގޫކަމެއް. އެހެންނަމަވެސް ކުޑަކުޑަ ހައްލެއްވެސް ހޯދޭތޯ މި ބަލަނީ. ބައެއް ކުލަބުތަކަކީ ސީދާ ރަސްމީކޮށް އެކަޑަމީ ހިންގުމަށް ނުވަދެ ތިބި ކުލަބުތައް. އެ ގޮތަށް ދެ ކުލަބަކާއި ވާހަކަ ދައްކަމުން މި ގެންދަނީ އެ ކުލަބުތަކާއި އަޅުގަނޑުމެންނާއި ގުޅިގެން އެކަޑަމީ ހިންގޭނެތޯ" މުބީން ބުންޏެވެ.
އެއީ ކޮން ދެ ކުލަބެއްކަން ހާމަ ނުކުރިނަމަވެސް މުބީން ބުނީ މިހާރު އެ ދެކުލަބާއެކު ވާހަކަދެކެވި ކޮންމެވެސް ވަރަކަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އެހެންވެއްޖެނަމަ ނިއުރޭޑިއަންޓުން މާލޭގައި ހިންގާ އެކަޑަމީ ކުރިޔަށް ގެންދާނީ އެ ކުލަބުތަކާ ގުޅިގެން ކަމަށް މުބީން ބުންޏެވެ.
ދިވެހި ފުޓްބޯޅައިގައި އެންމެ ފޯރީގައި ކުރިއަރަމުން އަންނަނީ އެކަޑަމީތަކުން ހިންގާ ގްރާސްރޫޓް ލެވެލްގެ ޓްރޭނިންތަކެވެ. މާލެއާއި ހުޅުމާލޭގައިވެސް ވާދަވެރި އެކަޑަމީތައް ކުރިޔަށް ގެންދާއިރު ނިއުރޭޑިއަންޓުންވެސް ވަނީ އެކަޑަމީ ހިންގުމުގެ ތެރެއަށް ވަދެފައެވެ.
ފުޓްބޯޅަ އެކަޑަމީތައް ހިންގަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހަދާފައިވާ އެކި ދަނޑުތަކާއި އެފްއޭއެމްގެ މާފަންނު ޓާފްގައެވެ. ނިއުރޭޑިއަންޓުން މަސައްކަތް ކުރަނީ އެކުލަބުގެ އެކަޑަމީ، ބާސެލޯނާ އާއި، ރެއާލް މެޑްރިޑް ފަދަ ދުނިޔޭގެ ބޮޑެތި ކުލަބުތަކުން ހިންގާ ފެންވަރުގައި ހިންގުމަށެވެ. އެކަމަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެކަށީގެންވާ ވަސީލަތްތައް ފުރިހަމަ ދަނޑުތައް ކަމަށް ނިއުރޭޑިއަންޓުން ބުނެއެވެ.