ޚަބަރު

މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދެނީ


  • 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތަކެއް ބޭނުންކުރަން ވަނީ ފަށާފައި

  • ނޯތު ހާބަރުގެ ބީ ޒޯނަށް އުޅަނދުތައް ބަދަލުކުރަން ފަށާނެ

މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް އެމްއެމްއޭ ސަރަަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން ފަށާފައިވާ ކަމަށެވެ. ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުން އަޅާފައިވާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓެއް ނުލިބެއެވެ. ނަމަވެސް އެ ސަރަހައްދަށް ވެސް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު އެ ސަރަހައްދަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތަކެއް ބޭނުންކުރަން ފެށުންކަމަށެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ އުޅަނދު ފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ނޯތު ހާބަރުގެ ބީ ޒޯނު ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ފުޅާކޮށް، ތާރު އަޅައި ނިންމައި އެތަން އާންމުންނަށް ހުޅުވާލީ ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށެވެ. އެއާއެކު މުދަލާއި ފަސިންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑިފަހަރަށް ނޯތު ހާބަރު ސަރަހައްދު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާއި، ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށްފައިވަނީ ދެކޮޅަށް ދުއްވޭ މަގެއްގެގޮތުގައެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފައެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވެއެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ރަމަޟާންމަސްތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ. އަދި އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ ޒަމާނީ މަގުތަކަކަށް ވާނެކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.