ޚަބަރު

ނަފްސާނީ ބަލިތަކަށް 3 އަހަރު ތެރޭގައި 70،000 މީހުން ފަރުވާހޯދި


  • ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކީ ޑިޕްރެޝަން އަލާމަތްތައް ފެންނަ މީހެއް

3 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ނަފްސާނީ އެކި ބަލިތަކަށް 70000 މީހުން ފަރުވާހޯދާފައިވާކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ވިދާޅުވެއްޖެއެވެ.

އެ ޑިޕާޓްމަންޓުން މިއަދަދު ހާމަކުރެއްވީ އެސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދެއްވި މައުލޫމާތުގައެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަކަން ފާހަގަކުރެއެވެ. އެއާއެކު ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މި ދާއިރާއަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޞިއްޙީ ވަޒީރުގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ އެކި ކަންކަމުގައި ތަފްޞީލީ ދިރާސާއެއް މިހާތަނަށް ހެދިފައިނުވި ނަމަވެސް ހޮސްޕިޓަލްތަކުގެ ތަފާސްހިސާބުތަކާއި 2022ވަނަ އަހަރު ހަދާފައިވާ ގެޕްސް ދިރާސާއިން ދައްކާގޮތުން ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކީ ޑިޕްރެޝަން އަލާމަތްތައް ފެންނަ މީހެއްކަމަށެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެޚިޔާލު ހުންނަ މީހުންވެސް ފާހަގަކުރެވޭކަމަށް އެދިރާސާއިން ހާމަވެއެވެ. އެގޮތުން މި އަދަދުތަކަށް ބަލާއިރު މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްކަމަށް ޞިއްޙީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

އެފަދަ ދިރާސާތަކުގެ ނަތީޖާއަށް ބަލައި ކަންބޮޑުވާންޖެހޭ ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަން ދީގެން އަަދަދުތައް މަދުކުރުމަށް ވުޒާރާއައި އެކި ޖަމިއްޔާ ޖަމާއައްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންގެ ތެރެއިންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާއްތަކާއިއެކު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ޞިއްޙީ ވަޒީރުގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވީނަމަވެސް ނަފްސާނީ ޞިއްޙަތުގެ ދާއިރާއަކީ މީހުން މަދު ދާއިރާއެއްކަމަށާއި އެހެންކަމުން މިދާއިރާއިން މީހުން ބިނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނައިބު ވަޒީރު ވިދާޅުވިއެވެ.

"މިދާއިރާއަކީ ދުނިޔޭގައިވެސް އޭގެ އެކްސްޕާޓްސް ވަރަށް މަދު ދާއިރާއެއް. މިހާރު ރާއްޖެއިން ކިހިނެތްތޯ މިދާއިރާގައި ފަންނުވެރިން އިތުރުކުރެވޭނީ. އެކަމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި" އައިމިނަތު އިސްމާއިލް ވިދާޅުވިއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސޯޝަލް ސާރވިސް ކޯޑިނޭޓަރ އައިޝަތު ޝުހުޒާ ވިދާޅުވީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތަފާސްހިބުތަކަށް ބަލާއިރު މިހާތަނަށް 70000 މީހުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާފައިވާކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުން ބަލާލިން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކްލިނިކްތަކެއް ނުބެލޭ. ރާއްޖޭގެ ރީޖަނަލް ހުރިހާ ހޮސްޕިޓަލްތަކާއި ގްރޭޓަރމާލޭގައި ހުރި ޕްރައިވެޓް ހޮސްޕިޓަލްތަކާއި ހުރިހާ ހޮސްޕިޓަލްތަކެއް ލައިގެން މިހާތަނަށް ކިހާ ނަފްސާނީ ފަރުވާ ނުވަތަ ނަފްސާނީ އެހީތެރިކަމަށް އެދިފައިވޭތޯ. 70000އަށް ވުރެއް ގިނަ މީހުން ރީޖަނަލް ހޮސްޕިޓަލްތަކާއި ގްރޭޓަރމާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުން ފަރުހޯދާފައިއެބަވޭ." އައިޝަތު ޝުހުޒާ ވިދާޅުވިއެވެ.

އައިޝަތު ޝުހުޒާ ވިދާޅުވީ މިދިޔަ އަހަރު ކުރެވެނުނު މަސައްކަތުން ނަފްސާނީ ބަލިތަކަށް ފަރުވާކޮށް ޖުމްލަ 23 މީހުން އަނބުރާ އާއިލާއާއި ހަވާލުކޮށްފައިވާކަމަަށެވެ. އެގޮތުން ފާއިތުވި 2 އަހަރު މި ދާއިރާއިން ކަމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ވަށާޖެހޭ ގޮތެއްގައި ނަފްސާނީ ސިއްޙަތުގެ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާކަމެއް އާސަންދައިން ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. ނަފްސާނީ ބަލީގެ ފަރުވާއަކީ ޚަރަދު ބޮޑު ކަމަކަށްވުމުން، މިއީ އެތައް ބަޔަކު ގިނަ ޒަމާންތަކެއްވަންދެން އެދެމުންދިޔަ ކަމެކެވެ. މިދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މުޅި ރާއްޖެއިން ފެނިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ އޭގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ އިޤްތިޞާދީގޮތުންވެސް ކުރިއެރުން އަންނަކަމެކެވެ.