ފެބުރުވަރީ 18ވަނަ ދުވަހަކީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސްް، އެހެން ޤައުމުތަކުގެ މުސްލިމުންނޭ ޚިލާފަށް، ޣައްޒާގެ ރައްޔިތުންނަށް ނަމާދު ކުރުމަށް ޓަކައި މިސްރާބު ޖަހަން ޖެހިފައި ވަނީ ސުންނާފަތި ކޮށްލާފައިވާ މިސްކިތްތަކާއި، ސަތަރިއާއި ލަކުޑި ފިލާ ފަދަ ތަކެތި ބޭނުން ކޮށްގެން ވަގުތީ ގޮތުން މަރާމާތު ކޮށްފައިވާ މިސްކިތްތަކަށެވެ. ނުވަތަ، ނަމާދު ކުރެވޭނެ ގޮތަށް ހަދާފައިވާ ވަގުތީ ތަންތަނަށެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ ތެރެއިން އެ ސަހަރުގެ ގިނަ މިސްކިތްތައް ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ. އޭގެ ތެރޭގައި، ޣައްޒާ ސިޓީގައި ހުންނަ އަލް-ޙަސައިނާ މިސްކިތް ހިމެނެއެވެ. އެ މިސްކިތުގެ ގުއްބު މިހާރު އޮތީ ބިންމަތީގައެވެ. ކުނިބުނިތަކުގެ ތެރޭގައެވެ. އެއީ، އެތަކެއް ހާސް ބަޔަކު ކުރިން ނަމާދުގެ ޖަމާޢަތުގެ ބައިވެރިވުމަށް ޖަމާވާ މިސްކިތެކެވެ. ނަމަވެސް، މިހާރު އެ މިސްކިތުގެ ބޮޑު ބައެއް އޮތީ ސުންނާފަތި ކޮށްލާފައެވެ. އަދި، ކޮޅަށް ހުރި ބައިތަކަކީ، ގެދޮރު ނެތިކޮށްލާފައިވާ ޢާއިލާތައް ނިދައި، ކައްކައި ކެއުމަށް ބޭނުން ކުރާ ތަންތަނެވެ.
މިއީ، ބެލުމަށް ލޮލަށް ކުޅަދާނަ ނޫން މަންޒަރެއް ކަމުގައި، އެ މިސްކިތް ބެލެހެއްޓުމުގައި ހިލޭސާބަހަށް މަސައްކަތް ކުރި 61 އަހަރުގެ ސާމީ އަލް-ޙިއްސީ ބުންޏެވެ. "ކުރިން އަޅުގަނޑުމެން ނަމާދުކުރީ ވަރަށް ފަސޭހަކަމާ އެކު. ރަޙުމަތްތެރިންނާއި ގާތްތިމާގެ މީހުންނާ ދިމާވޭ. އެކަމަކު މިހާރު ލޯބިވާ މީހެއް، ރަޙުމަތްތެރިއެއް އަދި މިސްކިތެއް ވެސް ނެތް،" ކުރިން ސަފުތައް ހެދިފައިވާ ތަނުގައި ހުރި ކުނިބުނިތަކުގެ މަތީގައި ހުރެ އޭނާ ބުންޏެވެ.
ޙިއްސީ ބުނީ، އެ މިސްކިތަކީ އަވައްޓެރި ޝަޖާޔާ އަދި ދަރަޖް ފަދަ އަވަށްތަކުގެ މީހުން ވެސް އައިސް، ރަމަޟާން މަހު ފުރައިލާ ކަމުގައެވެ. ނަމާދު ޖަމާޢަތަށް އެ ތަނަށް ހާހަކަށް ވުރެ ގިނަ މީހުން ކުރިން ޖަމާވެއެވެ. ނަމަވެސް، ޔަހޫދީން ދީފައިވާ ގެއްލުންތަކަށް ފަހު، މިއަދު އެ ތަނުގައި 100ށްހާ މީހުންނަށް ވެސް ނަމާދު ކުރެވޭނެ ޖާގައެއް ނެތެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޔަހޫދީންގެ ޤަތުލުޢާންމުގައި 72,000ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އެ ޢުދުވާނީ ޙަމަލާތަކުގެ ތެރެއިން ޔަހޫދީން ވަނީ ޣައްޒާގެ 835 ވަރަކަށް މިސްކިތް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި، 180ށްވުރެ ގިނަ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން، 60 ވަރަކަށް ގަބުރުސްތާނަށް ޙަމަލާދީ، 40ށް ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.
ޣައްޒާގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، މިއީ އެ މީހުންނަށް ރޫހާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެކެވެ. ގެދޮރު ގެއްލި، މިހާރު މިސްކިތެއްގައި ދިރިއުޅެން މަޖުބޫރުވެފައިވާ ޚައިޠަމް ޖަބްރު ބުނީ، ރަމަޟާން މަހާ ކުރިމަލާން ޖެހޭނެ ކަމަށް އުންމީދު ކުރީ މިއާ ޚިލާފަށް ތަފާތު ގޮތަކަށް ކަމުގައެވެ. "އަޅުގަނޑުމެންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ނެތް. ހުރިހާ މިސްކިތްތަކެއް ވަނީ ހަލާކުކޮށްލާފައި. މިހާރު ނަމާދު ކުރަނީ ފޭލިގެތަކުގައި، އަދި މިސްކިތްތައް ވަނީ ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ހިޔާތަކަށް ބަދަލުވެފައި،" އޭނާ ބުންޏެވެ.
މި ދަތިތަކާ އެކުގައި ވެސް، ޣައްޒާގެ ރައްޔިތުން ދަނީ ސުންނާފަތިކޮށް ގެއްލުންދީފައިވާ މިސްކިތްތަކުގެ ބައިތައް މަރާމާތުކޮށް، އަލުން ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޕުލާސްޓިކާއި ސަތަރިއާއި ލަކުޑި އަދި ފިލާ ފަދަ ތަކެތި ބޭނުން ކޮށްގެން މިސްކިތްތައް މަރާމާތު ކުރުމަށް ގިނަ ބަޔަކު ދަނީ އެހީތެރިވަމުންނެވެ.
ޣައްޒާގެ ދީނީ ކަންކަމާ ބެހޭ ވުޒާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އާމިރް އަބޫ އަލް-އަމްރައިން ވިދާޅުވީ، ރަމަޟާން މަސް ފެށުމުގެ ކުރިން، ނަމާދު ކުރެވޭނެ ގޮތަށް 430 ވަރަކަށް ތަން އަލުން ހަދާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ހަލާކު ކޮށްލާފައިވާ މިސްކިތްތަކެވެ. އެ ތަންތަން މަރާމާތު ކޮށްފައި ވަނީ ގްރީންހައުސް އަދި ފޭލިގެ ފަދަ ތަންތަނުގައި ޖަހާފައި ހުރި ސަތަރި ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ.