ސްޕެނިޝް ލަލީގާގައި ލެވަންޓޭ އަތުން ހޯދި ހަނި މޮޅާއެކު، ވިޔަރެއާލުން އެ ޓީމުން ޕޮއިންޓު ތާވަލުގައި ދަމަހައްޓަމުން އައި ތިންވަނަ މަގާމު ދަމަހައްޓައިފިއެވެ.
ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗުން ވިޔަރެއާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި، ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ކޮންމެ ޓީމަކުން 14 ހަމަލާ އުފައްދާފައެވެ. އޭގެތެރެއިން ލެވަންޓޭއިން ހަތް ހަމަލާއެއް ގޯލާ އަމާޒުވާގޮތަށް ފޮނުވާލިއިރު ވިޔަރެއާލުން ވަނީ އޮން ޓާގެޓަށް ހަ ހަމަލާއެއް ފޮނުވާލާފައެވެ.
މެޗުން ބަލިވި ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލެވަންޓޭއެވެ. މެޗުގައި ވިޔަރެއާލުން ލަނޑު ޖެހީ ދެވަނަ ހާފުގައި، މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯހޭ މިކޯޓަޑްޒޭއެވެ.
މި މޮޅާއެކު ލީގު ތާވަލުގައި ވިޔަރެއާލަށް ތިންވަނައިގައި އޮތީ 24 މެޗުން ޖުމްލަ 48 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބެނީ 45 ޕޮއިންޓެވެ.
މެޗުން ބަލިވި ލެވަންޓޭ އޮތީ ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 19 ވަނައިގައި 24 މެޗުން 18 ޕޮއިންޓާއެކުއެވެ.