ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިފަހުން ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ނޯވޭގެ ބޯޑޯ ގްލިމްޓް އިން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އިންޓަރ މިލާން ބަލިކޮށް، އަނެއްކާވެސް ބޮޑު ހައިރާންކަމެއް ގެނުވައިފިއެވެ.
ބޯޑޯ ގްލިމްޓުން އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ޔޫރަޕުގެ ބޮޑު ދެ ބާރެއްގެ މައްޗަށް ކުރިހޯދައި، އެ ޓީމުތަކަށް ސިހުން ގެނުވާފައެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި މެންޗަސްޓަރ ސިޓީއާ ދެކޮޅަށް ކުޅެ 1-3 އިން ބޯޑޯ ގްލިމްޓް މޮޅުވިއިރު ޖެހިގެން އައި މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 1-2 އިން ވަނީ ކުރިހޯދާފައެވެ.
މި ދެ މެޗަކީ ވެސް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު މެޗުތަކެވެ.
މި ނަތީޖާތަކާއެކު ހަނި ފުރުސަތެއްގައި ތާވަލުގެ 23 ވަނަ ޓީމުގެ ގޮތުގައި ބޯޑޯ އިން ރައުންޑް އޮފް 16 ޕްލޭއޮފް ޖާގަ ހޯދިއިރު، ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި އެ ޓީމުން މިވަނީ އިޓަލީގެ ގަދަބާރު، އިންޓަރ މިލާނުގެ މައްޗަށް 1-3 އިން ކުރިހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ބޯޑޯ ގްލިމްޓުންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޫންޑްރޭ ބްރަންސްޓެޑް ފެޓެވެ.
އޭގެ 10 މިނެޓުފަހުން އިންޓަރ އިން މެޗުގެ ނަތީޖާ ހަމަހަމކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕިއޯ އެސްޕޮސީޓޯއެވެ. ބޯޑޯ އިން މެޗުގައި ޖެހި އަނެއް ދެ ލަނޑޫ ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޖެންސް ޕެޓާ އާއި ކެސްޕާ ހޮގް އެވެ.
އިންޓަރ މިލާނުގެ މައްޗަށް ހޯދި މި މޮޅާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގެ އުއްމީދު ބޯޑޯ އިން ބޮޑުކުރިއިރު، ޕްލޭއޮފްގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.