ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ގަރަބަގް ކުޅުނު މެޗު 6-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.
އަޒަރުބައިޖާންގެ ގަރަބަގްގެ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުކާސަލް އިން ހަ ލަނޑު ޖަހާފައިވާއިރު އެ ޓީމުން ވަނީ އިތުރު ލަނޑުތަކެއް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނިއުކާސަލް އިން ވަނީ ގަރަބަގްގެ ގޯލަށް އަމާޒުކޮށް ޖުމްލަ 14 ހަމަލައެއް ފޮނުވާލާފަ އެވެ.
ނިއުކާސަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ތިންވަނަ މިނިޓުގައި އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހާ ނިއުކާސަލް އަށް ކުރި ހޯދަދީފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ ގަރަބަގް ކޮޅަށް ނިއުކާސަލް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 8 ވަނަ މިނިޓުގައި މަލިކް ތިއާއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ނިއުކާސަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންތޮނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނިއުކާސަލް އަށް ލިބުނު ޕެނަލްޓީ އަކުން އެންތޮނީ ގޯޑަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އެންތޮނީ ގޯޑަން ޖެހި ހަތަރު ލަނޑާއެކު އޭނާ ވަނީ އެލަން ޝިއަރާގެ ރެކޯޑް މުގުރާލުމަށްފަހު ޗެމްޕިއަންސް ލީގުގައި ނިއުކާސަލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އެންތޮނީ ގޯޑަން ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގައި 10 ލަނޑު ޖަހާފަ އެވެ. އެލަން ޝިއަރާ އަށް 10 މެޗުން ޖެހިފައިވަނީ 6 ލަނޑެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ގަރަބަގްގެ އެލްވިން ކަފަގުލިޔޭވް ލަނޑެއް ޖެހި ނަމަވެސް މެޗުގެ 72 ވަނަ މިނިޓުގައި ނިއުކާސަލްގެ ޖެކޮބް މާފީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 6-1 އަށް ބަދަލުކޮށްފަ އެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހު ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގަ އެވެ.