ޚަބަރު

މިއަހަރު ޙައްޖުވެރިން ހުށައެޅި ޝަޖުވާތައް ނިސްބަތުން މަދު


ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ކަންކަމާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ނިސްބަތުން މަދުކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ޙައްޖުގެ ކަންކަން ރަނގަޅުކުރެއްވުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަމަށް ޤަބޫލުފުޅުކުރެއްވޭކަމަށެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުން މަދުވެގެން އެއްއަހަރު ކުރިން ޢާންމުގޮތެއްގައި ފައިސާ ދައްކައެވެ. އަދި ޙައްޖަށް ދެވޭނެކަމުގެ ޔަޤީންކަންވެސް، ފައިސާ ދެއްކި ގްރޫޕާ ވާހަކަދައްކައިގެން ހޯދައެވެ.

އެހެންނަމަވެސް ބައެއް އަހަރު ޙައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަނެގި ގްރޫޕުގެ ފަރާތުން މީހުން އަތުން ފައިސާ ނަގައި އެންމެ މީހަކުވެސް ޙައްޖަށް ނުގެންދަވާ ޙާލަތު ދިމާވެ ބޮޑެތި، ކޯޓްކޭސްތަކަށް ބަދަލުވެފައި އެބަހުއްޓެވެ. އަދި ބައެއް ޖަމާޢަތްތަކުން ފައިސާ ނަގައި ބައެއް މީހުންނަށް ޙައްޖަށް ނުދެވުމުގެ މައްސަލަތައްވެސް ދިމާވެފައި އެބަހުއްޓެވެ. މިގޮތަށް ދިމާވެ ބައެއް މީހުން ސަރުކާރުން ޙައްޖަށް ގެންގޮސްދެއްވާފައިވެސްވެއެވެ. އަދި ޙައްޖަށްދާން ސަޢޫދީ ޢަރަބިއްޔާއަށް ފުރުމުގެ މަރުޙަލާގައާއި ސަޢޫދީ ޢަރަބިއްޔާގައި ތިބޭއިރު، އެނބުރި އަންނައިރު، އަދި އޭގެ ފަހުންވެސް އެކިކަހަލަ އެތައް ޝަކުވާތައް ހުށަހެޅި އެކަމުގެ ވާހަކަތައް ފެތުރިފައިވެއެވެ.

މިފަދަ މައްސަލަތައް މަދުކުރެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް މިދިޔަ ދެތިން ހަތަރު އަހަރެއްގެ ތެރޭގައި ވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ޙައްޖަށް މީހުން ގެންދިއުމާބެހޭ ޤަވާޢިދުތައް ހަރުދަނާކުރެއްވުމާއި ގްރޫޕްތަކަށް ހުއްދަދެއްވުމުގެ އުޞޫލުތަކާއި އަދި ހުއްދަދެއްވުމަށްފަހު ކަން ހިނގާ ނުހިނގާގޮތް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބައްލަވައި މޮނިޓަރކުރެއްވުމުގެ ކަންކަން ހަރުދަނާކުރެއްވުން ހިމެނެއެވެ. މީގެ އިތުރަށް މިދިޔަ އަހަރާއި މިއަހަރު އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ، އޭގެ ކުރިން ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެމުން އައި އެއްހާހުގެ ކޯޓާ ދެހާހަށް ބަދަލުކުރެއްވުމެވެ. މިކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ވަރަށް ޚާއްޞަ މަސައްކަތްތަކެއްގެ ނަތީޖާކަމަށް އިސްލާމިކް މިނިސްޓަރވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާރސަންވެސް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިގޮތުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ހުރިހާ މަރުޙަލާއެއްގައިވެސް ރައީސް ޢަބްދުﷲ ޔާމީން ގެންދެވީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ޙައްޖުވެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަންވީ ކަންތައްކަކާއި ގެންގުޅެންވީ އުޞޫލުތަކާ ގުޅޭގޮތުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ލަފައާއި އިރުޝާދު ދެއްވަމުންނެވެ.

މިކަންކަމުގެ ތެރެއިން، ދިވެހި ޙައްޖުވެރިންގެ ކަންކަން ބަލަހައްޓަވަން ދިވެހި ދައުލަތުގެ ފަރާތުން ފޮނުއްވި އަމީރުލްޙައްޖު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު، ދިވެހި ޙައްޖު ގްރޫޕްތަކާއި ޙައްޖުވެރިންނާ ބައްދަކުރައްވައި ޙައްޖުވެރިންގެ ޙާލަތު ބައްލަވައި، ޙައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމްތައް ގްރޫޕްތަކުން ހަމަޖައްސައިދީފައި ހުރި ގޮތް ބެއްލެވިކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން ފޮނުއްވި ޙައްޖު މިޝަންގެ ބޭފުޅުންވެސް ކޮންމެ ދުވަހަކުހެން، ދިވެހި ޙައްޖުވެރިން ތިއްބެވި ހޮޓާތަކާއި ފޭލިގެތަކަށް ޒިޔާރަތްކުރައްވައި ގާތުން ކަންކަން ބައްލަވަމުން ގެންދެވިކަމަށެވެ.

ދިވެހި ޙައްޖުވެރިންގެ ކަންކަން ބެއްލެވުމުގައި ސަރުކާރުން ކުރެއްވި މަސައްކަތާއި ދިވެހި ޙައްޖު ގްރޫޕްތަކުން ދިން އެއްބާރުލުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓެވުމަށް ސަރުކާރުން ކަނޑައެޅުއްވި މިޝަންގެ ބޭފުޅުން، ޙައްޖުވެރިން ސަޢޫދީ އަރަބިއްޔާއަށް ދާން ފެށުމާއެކު އެންމެ ކުރީކޮޅު ވަނީ ވަޑައިގެންފައެވެ. އެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިން ރާއްޖެ އައިސް ނިމުމުންނެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވި ގޮތުގައި ދިވެހި ޙައްޖާޖީންގެ ކަންކަން ދިޔަގޮތުގެ ރިޕޯޓެއް ސަޢޫދީ އަރަބިއްޔާގައި ތިއްބަވައިގެން، ޙައްޖު މިޝަންގެ ފަރާތުން ތައްޔާރުކުރައްވާނެއެވެ. އަދި އެބޭފުން ރާއްޖެ ވަޑައިގަތުމާއެކު އެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅުއްވާނެއެވެ. ކުރިޔަށް އޮތްތަނުގައި ޙައްޖާބެހޭ ކަންކަން ރަނގަޅުކުރެއްވުމުގައި މި ރިޕޯޓަކީ މުހިންމު އެއްޗަކަށް ވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.