ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމަށް ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރުފަހު ޑާކާގެ ނޭޝަނަލް ޕާރލިމަންޓުގައެވެ. މި ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާންއާއި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)އިން ހޯދި ބޮޑު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދެންނެވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.