ޚަބަރު

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް


  • ޓާމިނަލް 2ގައި ޗެކްއިން ވުމަށް 27 ކައުންޓަރު ހުންނާނެ

  • ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިއެވެ.

ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލު ކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްއޭސީއެލްގެ ބޯޑު މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި، ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލު ކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.

ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން ކުރީގެ ޑޮމެސްޓިކް ޓާމިނަލުގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓަރމިނަލް 2ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބަހައްޓާފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެއެވެ.

މީގެ އިތުރުން ޓާމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި، ކުޑަކުދިން ކުޅޭ ސަރަޙައްދަކާއި، އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެއެވެ. އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. ޓަރމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލުގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބަހައްޓާފައެވެ.

މި ބަދަލުގެ މައިގަނޑު މަޤުސަދަކީ، ކުރީގެ ޑޮމެސްޓިކް އެއާޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.