ޚަބަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި


  • މި ރަސްމިއްޔާތު އޮތީ ޑާކާގެ ނޭޝަނަލް ޕާރލިމަންޓުގައި

  • ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ، ޑާކާގެ ނޭޝަނަލް ޕާރލިމަންޓުގައެވެ.

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ، ބަންގްލަދޭޝްގެ ރައީސް، މުޙައްމަދު ޝަހާބުއްދީންއެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފައެވެ.

ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ޗެއާމަން ތާރިޤް ރަޙްމާންގެ ލީޑަރޝިޕުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)އިން ވަނީ، ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ، 1991 ވަނަ އަހަރަށްފަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.