ޚަބަރު

ސިނާމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރަން އެސެސްމަންޓެއް ހަދަނީ


  • 6 ފްލެޓް އިމާރާތް ހިމެނޭ

  • އިމާރާތްތައް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި

ސިނާމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޚާއްސަ އެސެސްމަންޓެއް ހެދުމަށް ނިންމާފަވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސިނާމާލެއާއި މާލޭ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ، ވަނީ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޝަކުވާތައް އަޑުއައްސަވާފައެވެ.

ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ އަދި މާލެ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ.

މި ޢިމާރާތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަން ނަމަވެސް މިއީ ޢާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، އެތަންތަން މަރާމާތުކުރުމަށްޓަކައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން އެ ޢިމާރާތްތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު ނިންމާފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ އެތަންތާންގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ޙައްލުތައް ގެނައުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން ވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް ތަޅާލާ، އެ ފަރާތްތަކަށް ޢަމާޒުކޮށް ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުއެއް ކުރިއަށްގެންދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ މަސައްކަތްތަކުގެ ބައެއް ތަފްސީލްތައްވެސް އެކި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިދިޔަ އަހަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ރައީސް ވިދާޅުވީ މާލޭގައި 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ އަޅާނީ 2 ޓަވަރުކަމަށާއި، އެ ފްލެޓްތަކުން ފުރަތަމަ ފުރުޞަތު ދޭނީ މާލެހިޔާއާއި ސިނަމާލޭގައި ދިރިއުޅޭ 128 އާއިލާއަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިނަމާލެ ފްލެޓްތަކަކީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްވެފައިވާ ފްލެޓްތަކެކެވެ. މި ތަންތަން ކުއްޔަށް ނެގި ފަރާތްތަކަށް މިހާރު ވަނީ އެތަންތަން މިލްކުވެފައެވެ.

ފްލެޓްތަކުގެ އިމާރާތްތައް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައެވެ. އިމާރާތުގެ ސްޓްރަކްޗަރއާއި ޔުޓިލިޓީ ނެޓްވޯކްތަކަށްވެސް މައްސަލަ ދިމާވަމުންދާތީ، އާއްމުގެ ޝަކުވާ އަންނަނީ ބޮޑުވަމުންނެވެ.

މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިތަކެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައިވެއެވެ. އެގޮތުން މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި އިނާޔަތް ދޭނީ ކަނޑައަޅާފަވާ އުސޫލެއްގެ ދަށުންނެވެ.