ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެ ތާވަލުގެ އެއްވަނަ މަގާމް ހޯދުމަށް ލިބުނު ފުރުސަތު ނަގާލައިފި އެވެ.
މި މެޗުން ބާސެލޯނާ ބަލިވިއިރު އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް އަށް 24 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އެއްވަނަ މަގާމުގައި ދެ ޕޮއިންޓުގެ ލީޑަކާއެކުގަ އެވެ.
ޖިރޯނާގެ ދަނޑުގައި ސާދަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކޮށްފައިވަނީ ޖިރޯނާ އިންނެވެ. އެގޮތުން އެ ޓީމުން ވަނީ ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ޖުމްލަ 9 ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ލީޑު ނަގަން ރަގަޅު ފުރުސަތެއް ވަނީ ލިބިފަ އެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ ލަމީން ޔަމާލް ފޮނުވާލިއިރު ވަނީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރުވެފަ އެވެ.
ބާސެލޯނާ އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕައު ކުބާސީ އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޖިރޯނާގެ މިޑްފީލްޑަރ ތޯމަސް ލެމާރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޖިރޯނާ އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ފްރޭން ބެލްޓްރޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޖިރޯނާގެ ޖޮއެލް ރޮކާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ޖިރޯނާ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 12 ވަނަ މަގާމް ލިބިފަ އެވެ. އަދި މިއީ މެޗަކުން މޮޅުނުވެ ތިން މެޗު ދިއުމަށްފަހު އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.