އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު ނުސީދާ މަޝްވަރާތައް ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
އީރާނާ ދެކޮޅަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދިޔަ ނަމަވެސްަ ޓްރަމްްޕް ގެންދަވަނީ އީރާނާއެކު މުއާމަލާތު ކުރައްވަމުންނެވެ. އީރާނާއި އެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ޢުމާނުގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުުކުރައްވައިފައެވެ. ސްވިޒަލެންޑުގެ ޖެނީވާގައި ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ވަޑައިގެންފައިވާ ޢަރާޤްޗީ ވަނީ ބައްދަލުވުންތައް ފެށުމުގެ ކުރިން ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީއާ ބައްދަލުކުރައްވައިފިއެވެ. ކުރިއަށް އޮތް މަޝްވަރާތަކާ ގުޅޭ ޓެކްނިކަލް ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
އައިއޭއީއޭއިން ދަނީ އީރާނުން މުއްސަނދިކޮށްފައިވާ 440 ކިލޯގެ ޔުރޭނިއަމްއަށް ވީނުވީއެއް ނޭނގޭތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ޔުރޭނިއަމްއާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް އީރާނުގެ ކިބައިން އެދިފައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ގެއްލުން ލިބުނު މަރުކަޒުތަައް ބަލައި ފާސް ކުރުަމަށް ފުރުޞަތު ދިނުމަށް ވެސް އެ އިދާރާއިން ދަނީ ގޮވައިލަމުންނެވެ.
އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭ ނަމައެވެ. އަދި ނިއުކްލިޔަރ މަޝްރޫޢުއާ ގުޅުވާ އެ ޤައުމުގެ ބެލިސްޓިކް މިސައިލް މަޝްރޫޢުއާމެދު އެއްެވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ. އީރާނުން ބުނީ މިހާރު ކުރަމުންދާ މަޝްވަރާތަކުގައި އިންސާފުވެރި އަދި ދެ ފަރާތަށް ހަމަހަމަ އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފިއްތުންތަކަށް އެ ޤައުމު ނުގުޑާނެ ކަމަށާއި، އެ ނޫން ގޮތަކަށް އެ ޤައުމުން ޢަމަލު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ މައްސަލައާ ގުޅޭ ގޮތުން އެއްބަސްވުމަކާ ހަމައަށް ނާދެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ޤައުމުގެ ނިއުކްލިޔަރ މަސައްކަތުގެ ސަބަބުން އެ ޤައުމާއި އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ޙާލަތުގައި އެމެރިކާއިން ދަނީ މެދުއިރުމަތީ ސަރަޙައްދަށް ސިފައިންނާއި އަސްކަރީ އުޅަނދު ޖަމާ ކުރަމުންނެވެ. އީރާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ހުރްމުޒް ސްޓްރެއިޓްގައި ޑްރިލްތައް ކުރިއަށް ގެންދަމުންނެވެ. އީރާނުން ވަނީ އެ ޤައުމާ ދެކޮޅަށް ޙަމަލާއެއް ދީފި ނަމަ ހުރްމުޒް ސްޓްރެއިޓް ބަންދުކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އީރާނުން އެ ގޮތަށް ޢަމަލުކޮށްފި ނަމަ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ދަތިވެ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން އުފުލިގެން ދާނެއެވެ.