އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަން ވިލާތުގެ ޤައުމުތަކުން ހާމަކޮށްފިއެވެ. ޖަރުމަނުވިލާތުގެ މިޔުނިކްގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ވިލާތުގެ މައި ބާރުތަކުން މި ކަން ހާމަކޮށްފައި މި ވަނީ، ގްރީލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ވިލާތުގެ ޤައުމުތަކާއި އެމެރިކާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިޔުނިކް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިލާތުގެ އިއްތިޙާދު (އީޔޫ) ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ވަނީ އެމެރިކާގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، "ބައެއް ރޮނގުތައް ހުރަސްކުރެވިފައިވާ ކަމަށާއި، ދެން އެ ކަން އަނބުރާ އިޔާދަ ނުކުރެވޭނެ" ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވުމަކީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ) މެދުވެރިކޮށް އެމެރިކާއިން ވިލާތުގެ ޤައުމުތަކަށް ޙިމާޔަތް ދޭނެ ކަމުގެ ވަޢުދާ މެދު ވިލާތުގެ ޤައުމުތަކުގެ ވެރިންގެ މެދުގައި އުފެދިފައި އޮތް ޝައްކުތައް އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ މިޔުނިކް ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. ނަމަވެސް، އޭނާގެ ވާހަކަފުޅުގައި ވިލާތުގެ ޤައުމުތަކަށް މާ ބޮޑު ޔަޤީންކަމެއް ދެއްވާފައެއް ނުވެއެވެ. އަދި، ނޭޓޯގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އަލިއަޅުއްވައިލައްވާފައެއް ވެސް ނެތެވެ. އެމެރިކާއިން ބޭނުން ވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ވިލާތުގެ ޤައުމުތަކުން އެ ޤައުމުތަކުގެ އަމިއްލަ ދިފާޢު ބެލެހެއްޓުމަށެވެ. ނަމަވެސް، އެ ޤައުމުތަކަށް ނިއުކްލިޔަރ ދާއިރާއިން ޙިމާޔަތްތެރިކަން ފޯރުކޮށްދިނުމަށާއި، ނޭޓޯގެ ދިފާޢީ މުޢާހަދާ ދެމެހެއްޓުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.
ވިލާތުން އަމިއްލައަށް ދިފާޢީ ކަންކަން ހަރުދަނާ ކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒާއި، ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ނިންމަވާފައެވެ. އަދި، އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، ވިލާތުގެ ނިއުކްލިޔަރ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ފަށްޓަވާފައިވާ ކަން މެޔަޓްޒާއި މެކްޚްރޮން ވަނީ އިޢުލާނު ކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުން ވަނީ ދިފާޢީ ބަޖެޓު އެތަކެއް ގުނައަކަށް ބޮޑު ކޮށްފައެވެ. މި ގޮތުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން، ވިލާތުގެ ޤައުމުތަކުން ދިފާޢީ ދާއިރާއަށް ކުރާ ހޭދަ ގާތްގަނޑަކަށް %80 އިތުރު ކޮށްފައެވެ. އަދި، ނޭޓޯގެ މެންބަރުން ވަނީ އަސާސީ ދިފާޢީ ކަންކަމަށް އެ ޤައުމުތަކުގެ އުފެއްދުންތެރި ކަމުގެ %3.5 ހޭދަ ކުރުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޕޮލެންޑް އަދި ސްވިޑެން ގުޅިގެން ދުރު-ރާސްތާގެ މިސައިލް އުފެއްދުމުގެ މަޝްރޫޢެއް ވަނީ ފަށާފައެވެ.