ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގު ގުޅޭ ކަންމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:15 ހާއިރުކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި، ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ. ބްރިޖު ހިމެނޭ ސަރަހައްދަކީ އާންމުކޮށްވެސް އެކްސިޑެންޓްތައް ހިނގާ ސަރަހައްދަކަށްވުމާއެކު، ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.