އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިމަހުގެ 12 އިން 14 އަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި ކުރިޔަށް ގެންދިޔަ 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު އަދި އަންހެން ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.
މިއީ ސިފައިންގެ ކުލަބުން ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ. ސިފައިންގެ ކުލަބުން ވަނީ 4 ގުނަ 400 މީޓަރު، އަދި 4 ގުނަ 100 މީޓަރު ރިލޭގެ ރަންމެޑަލް ހޯދާފައެވެ. އަދި ޑިސްކަސް ތްރޯގެ އޯޕަން އިވެންޓާއި، 100 މީޓަރު ދުވުމުގެ އޯޕަން އިވެންޓުގެ ރަންމެޑަލްވެސް ހޯދާފައެވެ.
އަންހެނުންގެ ހައިޖަމްޕް އޯޕަން އިވެންޓާއި، ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ އޯޕަން ކެޓަގަރީންވެސް ރަން މެޑަލް ހޯދީވެސް ދިވެހި ސިފައިންގެ ކުލަބުގެ އެތުލީޓުންނެވެ. ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ރިޒާ ވަނީ ފިރިހެނުންގެ 800 މީޓަރު ދުވުމުން މީޓް ރިކޯޑް ހަދާފައެވެ. އަދި ހަސަން ސާއިދު ވަނީ 200 މީޓަރު ދުވުމުގެ އޯޕަން ކެޓަގަރީން މީޓް ރިކޯޑް ހަދާފައެވެ.
އަންހެން ޗެމްޕިއަންކަން ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންވެސް ވަނީ މުބާރާތުގައި ގިނަ ވަނަތަކެއް ހޯދާފައެވެ. އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދީ އެކުލަބުގެ އެތުލީޓެކެވެ.
މި މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކީ ޝަރީފް ސްޕޯޓްސްއެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ނަސީރު ސްޕޯޓްސްއެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހު ހަވީރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްވާ ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލްވެސް ބައިވެރިވަޑައިގެންނެވިއެވެ.
17 ޓީމަކުން 236 އެތުލީޓުން ބައިވެރިވި މި މުބާރާތުގައި ބައެއް އެތުލީޓުން ވަނީ ޕާސަނަލް ބެސްޓް އައުކޮށްފައެވެ. އަދި މީޓް ރިކޯޑްތައް ހަދާފައެވެ. މުބާރާތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ރާފިޢު ވިދާޅުވީ، މި މުބާރާތުގައި ބައެއް އެތުލީޓުން ޕާސަނަލް ބެސްޓް އައުކޮށްފައިވާއިރު އެތުލީޓުންގެ ފަރާތުން ވަރަށް ބޮޑެތި ކުރިއެރުންތައް ފެންނަމުންދާ ކަމަށެވެ.
"މިއީ އަޅުގަނޑު ދެކޭގޮތުގައި، ހަމަ އަޅުގަނޑުމެންގެ އެތުލީޓުން އެބަހުރި މި މުބާރާތުގައިވެސް އެ ކުދިންގެ ޕާސަނަލް ބެސްޓް ބްރޭކްކޮށްފަ. އެހެންވީމަ ވަރަށް ބޮޑަށް އިމްޕްރޫވްމެންޓް ފެންނަމުން އަންނަނީ އަޅުގަނޑުމެންގެ އެތުލީޓުންގެ ތެރެއިން. މި މުބާރާތުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ހަމަ އަޅުގަނޑުމެންގެ ބައެއް އެތުލީޓުން އެކުދިންގެ ޕާސަނަލް ބެސްޓް ބްރޭކް ކޮށްގެން ވަނަތައް ހާސިލުކުރިތަން" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މުބާރާތް ނިމިގެން މިދިޔައީ ވަރަށް ފޯރިގަދަކޮށް، ވަރަށް އެކުވެރިކަމާއެކީގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.