ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢަކީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މި މަޝްރޫޢަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ފިއްލަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއާއި، ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަން ވިދާޅުވީ، މަގުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ރަށުގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ވާރޭވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ، ރާއްޖޭގެ އެކި ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުންްފުނިތަކާ ޙަވާލު ކުރަމުންނެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާއި، އިތުރު 7 އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ އާރްޑީސީއާ ޙަވާލުކޮށްފައެވެ.
އޭގެ ތެރޭގައި ކ. ކާށިދޫ، ތ.އޮމަދޫ، ތ.ވޭމަންޑޫ، ހައްދުންމަތީ މާމެންދޫއާއި، ހދ.އަތޮޅުގެ ދެ ރަށް ކަމުގައިވާ ކުމުންދޫ އަދި މަކުނުދޫގެ އިތުރުން ތ.ކަނޑޫދޫ، ވޭމަންޑޫ އަދި ވިލުފުށި ހިމެނެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ.
އޭގެ ބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ޙައްލު ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.