ޚަބަރު

ފަތުރުވެރިކަމުގެ އަމާޒު: 2027 ނިމުމުގެ ކުރިން 6 ބިލިޔަން ޑޮލަރަށް އިތުރުކުރުން


  • 2025ވަނަ އަހަރު ލިބިފައިވަނީ 5.55 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް

  • ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އަދި މި އަދަދު އަންނަ އަހަރަށް ދާންވާއިރަށް 6 ބިލިޔަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ނިމުނު 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި އަހަރެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރަށް ބޮޑަށް ޕްލޭންކުރެވިގެން ކުރިއަށްގެންދާ ސިނާއަތެއްކަމަށެވެ. އަމާޒަކީ މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5.6 ބިލިޔަން ޑޮލަރަށް އިތުރުކުރުމެވެ. އަދި 5ވަނަ މާސްޓަރ ޕްލޭންގައިވާ ގޮތަށް އަންނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"މިއަހަރު އަޅުގަނޑުމެންގެ އަމާޒަކީ ޓޫރިސްޓް ރިސިޓްސްގެ އަދަދު 5.6 ބިލިޔަން ޑޮލަރަށް އިތުރުވެގެންދިއުން. އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާގޮތުންވެސް އަޅުގަނޑުމެންނަށް މި އަދަދު ހާސިލްވެގެންދާނެ. އަޅުގަނޑުމެން މި އަދަދު ހާސިލްކުރުމަށްޓަކައި ތަފާތު އެކި މަސައްކަތްތައްވެސް ކުރަން. ރާއްޖޭގެ ފަތުރުވެރިކަމަކީ ވަރަށް ޕްލޭން ކުރެވިގެން ކުރިއަށްދާ ސިނާއަތެއް. އަޅުގަނޑުމެން މިހާރު މިވަނީ ޓޫރިޒަމްގެ 5ވަނަ މާސްޓަރ ޕްލޭންގައި ފެށުނީއްސުރެ މާސްޓަރ ޕްލޭންގެ ޒަރިއްޔާއިން ޓޫރިޒަމް ޑިވެލޮޕްވެގެން މިއަންނަނީ. މިގޮތުން އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައިވެސް 2027ވަނަ އަހަރު ނިމުމުގެ ކުރިން 6 ބިލިޔަން ޑޮލަރަށް ޓޫރިޒަމް ރިސިޓްސްގެ ގޮތުގައި ރީޗްވުމަށް ގޯލްއަކާއިއެކީގައި މަސައްކަތްވެސް މިކުރަނީ." ޝިނާން ވިދާޅުވިއެވެ.

2024ވަނަ އަހަރު ފަތުރުވެރިކަމުން 4.8 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި 2025ވަނަ އަހަރު ލިބިފައިވަނީ 5.55 ބިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ.

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިމަސައްކަތް ފުޅާކުރުމަށް ފަތުރުވެރިކަމަށް ވަނީ ވަރަށް ގިނަ ރަށްތައް ދޫކޮށްފައެވެ. ޝިނާން ވިދާޅުވީ، ދޫކުރެވިފައި ހުރި ރަށްތަކުގެ ތެރޭގައި ޑިސްޓްރެސް ހާލަތުގައިވެސް ބައެއް ތަންތަން އެބަހުރިކަމަށެވެ. މަސައްކަތް ކުރަމުންދަނީ ޕޮލިސީ ލެވެލްއިން ހަދަންޖެހޭ ގަވައިދުތައް ހެދުމަށްފަހުގައިވެސް މިގޮތައް ހުރި ޑިސްޓްރެސް ތަންތަން މާކެޓަށް ނެރެވުންކަމަށެވެ. އެއީ ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.

ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ގޮތުން ތަފާތު މޮޑެލްތަކަށް ސަރުކާރުން ދަނީ ތައާރަފްކުރައްވަމުންނެވެ. މިދިޔަ އަހަރު ހަލާލް ޓޫރިޒަމްއަށް ވަނީ 6 ރަށެއް ދޫކުރުމަށް އިއުލާންކޮށްފައެވެ. އޭގެތެރެއިން 1 ރަށް މިހާރު ވަނީ އެވޯޑް ކޮށްފައެވެ. މީގެއިތުރުން ހެރިޓޭޖް ޓޫރިޒަމް، މެޑިކަލް ޓޫރިޒަމް، ގެސްޓްރޮނޮމީ، އިކޯޓޫރިޒަމް ތައާރަފްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.