އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.
ޗެލްސީ އިން މި މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ރޭ ރަށުން ބޭރުގައި ހަލް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެޑްރޯ ނެޓޯ ހެދި ހެޓްރިކާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާގެ ކުރީގެ ކްލަބް ކަމުގައިވާ ހަލް ސިޓީ އާއި ދެކޮޅަށް ކުޅުނު މި މެޗަށް ޓީމު ނެރުނުއިރު އޭނާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ޓީމުން ކޯލާ ޕާމާ އާއި ޖޮއާއޯ ޕެޑްރޯގެ އިތުރުން އެންޒޯ ފެނާންޑޭޒް ފެނިފައެއް ނުވެއެވެ.
މި މެޗުގައި ޗެލްސީ އިން ހަލް ސިޓީގެ ގޯލު ހުޅުވާލާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ޗެލްސީ އަށް ލިބުނު ކޯނަރަކުން ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑާކީ މެޗުގެ 59 ވަނަ މިނިޓުގައި ލިއާމް ޑެލަޕް ދިން ޕާހަކުން އެސްޓެވާއޯ ވިލިއަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު އޭނާ މި މެޗުގައި ހެދި ހެޓްރިކަކީ ނެޓޯގެ ސީނިއާ ކެރިއަރގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.