ޚަބަރު

ފުލެޓުތަކުން ނެރޭ ކުނި އިމާރާތުގެ ތިރިއަށް ޖަމާކުރުން ހުއްޓާލަން ޖެހޭ!


  • ދުވަހުން ދުވަހަށް އުފައްދާ ކުނި ނައްތާލެވޭނެ ނިޒާމެއް ކޮންމެ ޓަވަރެއްގައިވެސް ހުރޭ

  • ފަރުނީޗަރު ހުންނަ ފޮށިގަނޑު ފަދަ ކުނި ނައްތާލުމުގެ އިންތިޒާމު ހަމަޖައްސާނީ އަމިއްލައަށް

  • ތިމާ އުފައްދާ ކުންޏަށް ތިމާ ޒިންމާ ނުވުމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނާނެ އާދައެއް ނޫން

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެކަމަށް ވަރަށް ބޮޑަށް އެދިއެދި ތިބި ރައްޔިތުންނަށް އެކަން ފަހިކުރުމަށް ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢު، 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމާ މިދިޔަ ސެޕްޓެންބަރު މަހުވަނީ ވެރިފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ. އަދި ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލުވުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިއާއެކު ފެނިގެންދިޔައީ ފްލެޓު ސަރަޙައްދު ކުނި ގޮނޑަކަށް ބަދަލުވަމުންދިޔަ މަންޒަރެވެ.

ފްލެޓުތަކުގެ އެކި ފަންގިފިލާގައާއި، އިމާރާތުގެ ތިރީގައި ކުނި ގިނަވެ ފުނިޖެހުމަކީ މުޅި އިމާރާތަށް ވަދެނިކުމެ ހަދާ އެންމެންނަށްވެސް އެކަމުގެ އުނދަގުލާ ކުރިމަތިލާންޖެހޭކަންކަމެވެ. ފްލެޓަށް ބަދަލުވާއިރު ފަރުނީޗަރާއި، އިލެކްޓްރޯނިކް އެކި އާލަތްތައް ގަންނަންޖެހޭކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް އެތަކެތިން އުފެދޭ ކުންޏަކީ ތިމާގެ ޒިންމާއެއްކަން ޤަބޫލުނުކުރެވޭނަމަ އެއީ މައްސަލައެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުންވަނީ، ދުވަހުން ދުވަހަށް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފައްދާ ކުނި މެނޭޖްކުރާނެ ސަރަޙައްދެއް ކޮންމެ ޓަވަރެއްގެ ތިރީގައި ޤާއިމުކޮށްފައެވެ. އެހެންނަމަވެސް އެއީ ފްލެޓަށް ބަދަލުވާއިރު އުފެދޭ ފަރުނީޗަރާއެކު އަންނަ ކަރުދާސް ފޮށިގަނޑާއި ފުޅިމަދު ފޮށިތައް ކޮންމެ ޓަވަރެއްގައި ހުރި 128 ޔުނިޓުގެ ރައްޔިތުން ބޭރަށް ނެރެންވެއްޖެނަމަ އެއީ އެންމެ ޒިންމާދާރު ގޮތަކަށް ނުވާނެއެވެ.

އެފަދަ ކުނި އުކާލެވޭނެ އިންތިޒާމުތައް ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯއިންވެސްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް އެއްފަހަރާ އެތައް ބަޔަކަށް ޚިދުމަތްދެވޭނެ ކެޕޭސިޓީ އެއްވެސް ކުންފުންޏެއްގައި ނުހުންނާނެއެވެ. ގޭގެ އެތެރޭގެ ސާފުތާހިރުކަމަށް އިސްކަންދޭ ފަދައިން ތިމާގެ ސަބަބުން ގޭގެ ބޭރާއި އިމާރާތުގެ ތިރި ކުނިގޮނޑަކަށް ހެދުމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނާނެ ޢަމަލެއް ނޫނެވެ. އެހެންކަމުން ތިމާއާއި ތިމާ ވަށައިގެން އޮންނަ ސަރަޙައްދު ސާފުތާހިރުކޮށް ބޭއްވުމަށް، ވެމްކޯއިން ކަނޑައަޅާ ތާވަލަށްވުރެ ކުރިން ކުނި އުކާލަންޖެހޭނަމަ އަމިއްލައަށް އެއިންތިޒާމު ހަމަޖެއްސުމަކީ ޒިންމާދާރު ގޮތެވެ.

ގިނަ ބަޔަކު މިގޮތަށް ޢަމަލުކުރިނަމަވެސް ތިމާ އުފައްދާ ކުންޏަށް ޒިންމާވުމުގެ ރީތި ސިފަތައް ފެންނަ މީހުން ތިބިކަންވެސް ފާހަގަކުރެވެއެވެ.

އަމާން ދޯދި އަދި އަމާން އުދަރެސް ފްލެޓުތައް ކައިރިއަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ ޖޫރިމަނާކުރާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރުވަނީ ހާމަކުރައްވާފައެވެ. ޖޫރިމަނާ ކުރުމުގެ ކުރިންވެސް ތިމާ އަމިއްލައަށް މިކަމުގައި ޒިންމާވާންއެބަޖެހެއެވެ. އެފަދަ ވިސްނުމާއި އަދަބުތައް އަށަގަންނުވަންޖެހެއެވެ.