ޚަބަރު

ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކޮނޑޭއާއި ކާށިދޫގައި އުންމީދީ މަޝްރޫޢެއް


  • އެރަށެއްގެ މާހައުލާ ގުޅޭ ގޮތަކަށް މަސައްކަތްތަތައް ކުރެވޭނެ

  • ފަތްޕިލާވެލީގެ ބާވައްތަކާއި ތަރުކާރާއިާއި ބޭވާގެ ބާވައްތައް ހައްދާނެ

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު ރާއްޖެއިން ބޭރުން ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުން މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން
އުންމީދީ ދެ މަޝްރޫޢެއް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. މިއަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް ޤާއިމްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ގއ. ކޮނޑޭއާއި ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

" 'ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭއާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފައި. އަދި، ލ. ގަމާއި ހދ. ނޮޅިވަރަމުގައި މަޝްރޫޢުތައް ކުރިއަށްގެންދަން މި އަހަރު ހުޅުވާލާނެ. މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް" ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރިޔާސީ ބަޔާން ޕޮޑްކާސްޓުގައި މިމަޝްރޫއުގެ ތަފްސީލު ހިއްސާކުރައްވަމުން ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަސަން ދީދީ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ފަށާ މި މަސައްކަތުގައި އެރަށަކަށް ފައިދާ ހުރި ގޮތެއްގައި އެރަށެއްގެ މާހައުލާ ގުޅޭ ގޮތަކަށް މަސައްކަތްތައް ކުރެވޭނެކަަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކާނާގެ ޔަގީންކަން ކޮންމެ ރަށަކަށްވެސް ފުޅާވެގެންދާނެ ގޮތަކަށް މިކަން ކުރުންކަމަށް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ދެ މަޝްރޫއު މިހާރު އިއުލާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ފަންނުވެރި މީހުންނަށް ފުރުސަތު ލިބިގެންދާނެ. މީހުންއައިސް ރަށްރަށުގެ ދަނޑުވެރިންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ. އުފައްދާ ތަކެއްޗާއެކު މާކެޓު ނުލިބުން އެއީ ފާހަގަވާކަމެއް. މިހާރު ބިމުގައި ދަނޑު ހެއްދުން ވެފައިވަނީ ބޮޑު ތަކުލީފަކަށް. މޫސުމައަށް އަންނަމުންދާ ބަދަލުތަކާއެކު މިހާރު މި ހުންނަނީ ގްރީން ހައުސް ނުވަތަ ވާރޓިކަލް ފާރމިންގައި، މިހެން އަންނަ މީހުންނަށްވެސް މީގެ ސަބަބުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ، އަދި މުޅިރަށަށްވެސް އެކަން ފެތުރިގެންދާނެ" އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.

އަހުމަދު ހަސަން ދީދީ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 17 ބާވަތެއް ކަނޑައަޅާފައިވާއިރު، ފަތްޕިލާވެލީގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާގެ ބާވަތްތައް މިތަނުގައި ހައްދާނެކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އަދި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެއްކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ހޮވޭ ފަރާތަކުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، ޤައުމީ ކާނާގެ ރައްކާތެރިކަމުގެ މަޝްރޫޢަށް އެއްބާރުލުން ލިބޭނެފަދަ ނަމޫނާ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރަންވާނެކަމަށެވެ.