ޚަބަރު

ބާސެލޯނާ އަތުން އެތްލެޓިކޯ އަށް ފަސޭހަ މޮޅެއް


ސްޕެއިންގެ ކޮޕާ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އިން ކާމިޔާބުކޮށްފި އެވެ.

މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި އެތްލެޓިކޯ މެޑްރިޑް އިން ވަނީ މޮޅު އެޓޭކިންގ ކުޅުމެއް ދައްކާފަ އެވެ.

ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 6 ވަނަ މިނިޓުގައި ބާސެލޯނާގެ އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑެކެވެ. އެރިކް ގާސިއާ ކީޕަރު ޖޯން ގާސިއާ އަށް ޖައްސާލި ޕާސް އޭނާއަށް މަތަނުކުރެވި ވަނީ ގޯލުގެ ތެރެއަށް ވަދެފަ އެވެ.

މި ލަނޑާއެކު އެތްލެޓިކޯ އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށް މެޗުގެ 14 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ އެންޓޮއިން ގްރީޒްމަން އެވެ.

އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 33 ވަނަ މިނިޓުގައި ޖޫލިއަން އަލްވަރޭޒް ދިން ޕާހަކުން އަޑެމޯލާ ލުކްމަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުމުގެ އިންޖަރީ ވަގުތުގައި ޖޫލިއަން އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. މިއީ 11 މެޗަށްފަހު އޭނާ ލަނޑެއް ޖެހި ފުރަތަމަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ޕޯލް ކުބާސީ ލަނޑެއް ޖެހި ނަމަވެސް އަށް މިނިޓު ވަންދެން ވީޑިއޯ ބެލުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ބާސެލޯނާ އަށް މި މެޗުގައި ކުރިމަތިވި އަނެއް މައްސަލައަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމުގެ އެރިކް ގާސިއާ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ޓީމުން ފަހު ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މި ދެޓީމު ދެން ބައްދަލުކުރާނީ އަންނަ މާޗު މަހުގެ 3 ވަނަ ދުވަހު އެވެ.