ސިއްހަތު

ކުރިއަށް އޮތް 5 ދުވަހުވެސް ދުންފުހުގެ އަސަރު ބޮޑު


  • ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ވަނީ ދަށްވެފައި

  • ބޭރަށް ނިކުމެ އުޅޭއިރު ސަމާލުވެލައްވާ

ދުންފުހުގެ އަސަރު މިއަދުވެސް ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ވަނީ ނުރައްކާތެރި މިންވަރަށް މަތިވެފައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓުން ވިދާޅުވީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދަނީ ކުރަމުން ކަމަށާއި، ރިޕޯޓުތައް ދައްކާގޮތުން ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށެވެ.

ކުރިޔަށް އޮތް 5 ދުވަހު ދުންފުސްކަމުގެ އަސަރު މުޅި ރާއްޖެއަށް އިތުރުވެފައިވާއިރު، އުތުރާއި މެދު ރާއްޖެތެރެޔަށް އެކަމުގެ އަސަރު ކުރާނެ ކަމަށް މެޓުން ވިދާޅުވެއެވެ. ވައި އެންމެ ބޮޑަށް ނުސާފުވެފައިވާ ސަރަހއްދުތަކަކީ، ކ.މާލެ، ކ.ވިލިންގިލި، ށ.ފުނަދޫ އަދި ދ.ކުޑަހުވަދޫ ކަމަށްވެސް މެޓުން ވިދާޅުވިއެވެ.

ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 12.16 މައިކްރޯ ގްރާމްގައެވެ. އެހެންކަމުން މިދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެ.

ވައި ނުސާފުވާ ހާލަތްތަކުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ އިރުޝާދު ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ޞިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.

ކުރު މުއްދަތަކަށް ކުރާ ސިއްޙީ މައްސަލަތަކަކީ:

  • ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
  • ބޮލުގަ ރިއްސުމާއި، ނާޒުކު ފަރާތްތަކުން ބޯ އެނބުރުން
  • ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން
  • ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާހިއްލުން އިތުރުވުން
  • ހިތުގެ ބަލިތައް ހުންނަ މީހުން ބަލި އިތުރަށް ގޯސްވުން
  • ނޭވާހިއްލުން ނުވަތަ ފުއްޕާމޭގެ ބަލިތަށް އިތުރަށް ގޯސްވުން

އަދި ދުންފުހުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ޢިލްތިމާސްކުރައްވާފައެވެ. އެގޮތުން ވައި ނުސާފުވާ ދުވަސްވަރު މާސްކު އެޅުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެެވެ.