ޚަބަރު

އޭދަފުށި ބަލިކޮށް ނައިވާދޫ ޖެހިޖެހިގެން ދެވަނަ އަހަރު ފައިނަލަށް


  • ނައިވާދޫ ވަނީ 2025 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކާށިދޫއާ ދެކޮޅަށް ކުޅެ ބަލިފައި

  • އޭދަފުށީގެ މައްޗަށް ޕެނަލްޓީގައި ނައިވާދޫ ކުރިހޯދީ 3-4 ގެ ނަތީޖާއަކުން

  • މިދިޔަ އަހަރު ލިބުނު ހިތްދަތިކަން ފިލިވާލަން ނައިވާދޫއަށް މި ލިބުނީ ރަނުގެ ފުރުސަތެއް

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތްކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުގެ ފުރަތަމަ ޖާގަ، ހދ. ނައިވާދޫއިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ނައިވާދޫއިން ހޯދީ ސެމީ ފައިނަލުގައި ފެނަލްޓީ ޖަހައިގެން ބ. އޭދަފުށީގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

ވަރަށް ވާދަވެރި، އެހާމެ އަވަސް ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނނެގީ ވެސް ނައިވާދޫއިންނެވެ. ފުރަތަމަ ހާފުގައި، މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޤައުމީ ފުޓްސަލް ޓީމުގެ ތަރި، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޝާފިއުގެ ލަނޑުން ނައިވާދޫއިން ލީޑުނެގިތާ ތިން މިނެޓުފަހުން އޭދަފުށިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ.

1-1 ގެ ނަތީޖާއިން މެޗު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ނައިވާދޫއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ދެ ޓީމުން ވެސް ޖެހި ފުރަތަމަ ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. ނައިވާދޫ ޓީމުން ފުރަތަމަ ޕެނަލްޓީ ޝާފިއު ޖެހިއިރު، އޭދަފުށީގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މުޙައްމަދު ފާސިރުއެވެ.

ދެވަނަ ޕެނަލްޓީ ދެ ޓީމުން ވެސް ކާމިޔާބުކުރިއިރު ނައިވާދޫގެ ދެވަނަ ޕެނަލްޓީ ފޮނުވާލީ ހުސެއިން މައިޝާނެވެ. އޭދަފުށީގެ ޕެނަލްޓީ ފޮނުވާލީ ހުސެއިން ޝަރީފެވެ. ނައިވާދޫގެ އަޙްމަދު ހަމީދު (އައްމަޑޭ) ފޮނުވާލި އެ ޓީމުގެ ތިންވަނަ ޕެނަލްޓީ ވެސް ކާމިޔާބުކުރި އިރު، އޭދަފުށީގެ ތިންވަނަ ޕެނަލްޓީ އަލީ ނަސީމް ފޮނުވާލިއިރު މި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.

ނައިވާދޫގެ ހަތަރުވަނަ ޕެނަލްޓީ، މުޙައްމަދު އަސްލަމް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭދަފުށީގެ ހަތަރުވަނަ ޕެނަލްޓީ އިސްމާޢީލް ޝަރީފް ވެސް ކާމިޔާބުކުރިއެވެ. އޭދަފުށީގެ ފަސްވަނަ ޕެނަލްޓީ ދޮނުވާލީ މުޙައްމަދު ޝާން އަބްދުލް ޣަފޫރެވެ. މި ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ނަތީޖާ ޔަގީންކުރުމަށް ޖެހި ޑިސައިޑިން ޕެނަލްޓީ ފޮނުވާލަން ނައިވާދޫ ޓީމުން ދިޔައީ އަބްދުﷲ ވިސާމެވެ. ވިސާމްގެ ޕެނަލްޓީ ކާމިޔާބުކޮށް، ނައިވާދޫއިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ ޔާމިން މުޙައްމަދެވެ.


ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނައިވާދޫއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި ވެސް ކުޅެފައިވާ ޓީމެކެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކ. ކާށިދޫއާ ވާދަކޮށް ނައިވާދޫ ވީ ބައްޔެވެ.