ޚަބަރު

ރާއްޖެއާއި އީޔޫއާ ދެމެދު ފުރަތަމަ 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައިފި


  • މުހިންމު ގިނަ ދާއިރާތަކަކަށް މަޝްވަރާކުރެއްވި

  • ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާ ދެމެދު ފުރަތަމަ 'ޕާޓްނަޝިޕް ޑައިލޮގް' 2026 ބާއްވައިފިއެވެ.

މި ބައްދަލުވުންތައް ބާއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

'ޕާޓްނަޝިޕް ޑައިލޮގް' އަކީ، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭއްވި މަޝްވަރާތަކެކެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި އީޔޫގެ ގުޅުމުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މިއީ، 1 ޖުލައި 2024 ގައި ރާއްޖެއިން 'ސަމޯއާ އެއްބަސްވުން' ފާސްކުރުމާ ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން 'މޯލްޑިވްސް - އީޔޫ ޕާޓްނަޝިޕް ޑައިލޮގް'ގެ ނަމުގައި ރަސްމީ ސިފައެއްގައި ބަދަލުވެގެން ދިޔަ ދިއުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަތީ ފަންތީގެ މަޝްވަރާތަކުގެ ސަބަބުން، ދެ ފަރާތުންވެސް އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އީޔޫއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރު ކުރުމަށް ފުރުޞަތު ލިބިގެންދިޔަ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެތެރޭގައި ޑިމޮކްރެޓިކް ގަވަރނަންސް، އިންސާނީ ޙައްޤުތައް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަޙައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުން ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، އީޔޫއާއި ދިވެހިރާއްޖެއިން ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ޙައްޤުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ. މީގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަންކަމާއެކު ހަރަކާތްތެރިވާ މަދަނީ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ދާދިފަހުން ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާޢީ ދާއިރާއިން އައިސްފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން އުމްރާނީ ތަރައްޤީއާއި، ހަރުދަނާ މާލީ އިދާރީ ނިޒާމެއް ޤާއިމުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ޑިޖިޓަލް ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން އިޤްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން ޚާއްޞަ ގޮތެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

އިޤްތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގައި، ދެ ފަރާތުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ވިލާތުގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ޓެރިފްގެ ހުރަސްތަކާ ބެހޭގޮތުންނާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި މިހާރު ކުރިއަށްދާ އިސްލާޙީ މަސައްކަތްތަކާ ބެހޭގޮތުން ދެ ފަރާތުގެ ޚިޔާލު ބަދަލުކޮށްފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.