ކޯޓުތަކުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ޚާއްސަ ޓާސްކު ފޯހެއް އެކުލަވާލައްވައި އެޓާސްކު ފޯހުގެ މަސައްކަތް ފަށައިފިއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެކުލަވާލެއްވި މި ޓާސްކް ފޯސް އެކުލެވިގެންވަނީ އެކި މަރުހަލާތަކުގެ ކޯޓުތައް ހިމެނޭހެން 9 މެންބަރުންގެ މައްޗަށެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2025ވަނަ އަހަރު ނިމުނުއިރު، އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ 13032 މައްސަލަ، ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގްގެ ގޮތުގައި ރެކޯޑުކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަކުގެ އިންސާފު އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމުކޮށް، ޚާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް ނިންމުމަށް އުއްތަމަ ފަނޑިޔާރު ޓާސްކް ފޯސްހެއް މިއަދު އެކުލަވާލައްވާފައިވާކަމަށެވެ. އަދި އެޓާކްސް ފޯހުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށް ސްޕްރީމް ކޯޓުން ވިދާޅުވިއެވެ.
9 މެންބަރުންގެ ހިމެނޭ މި ޓާސްކް ފޯހުން މަސައްކަތް ކުރާނީ ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިންމުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަތައް އަވަހަށް ނިންމުމަށް މަގުފަހކޮށްދިނުމަށްކަމަށްވެސް އެކޯޓުން ވިދާޅުވިއެވެ.
ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޤަޟާޢީ ބަޔާން އިއްވަވަންވެސް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ މިއަހަރު ޝަރުޢީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާފު ނުލިބި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމު ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ޝަރުޢީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޝަރުޢީ ދާއިރާއަށް ކުރިން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ސާބިތުކަމާއެކު އަދާކުރައްވަމުންދާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ 1 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމައި އިންސާފު ގާއިމުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ މިއަހަރު ހުށަހަޅާނެ ކަމަށް އަންދާޒާ ކުރެވޭ 21،000 މައްސަލައިގައި އިންސާފު ގާއިމުކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
އަމާޒަކީ މިއަހަރު ނިމިގެންދާއިރު ޝަރުޢީ ދާއިރާއަކީ އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައެއް ނެތް ހަރުދަނާ އަދި ޒިންމާދާރު ދާއިރާއަކަށް ހެއްދެވުން ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.